ޙަމާސް – ފަލަސްތީނުގެ މިނިވަންކަމުގެ އުންމީދު

ފަލަސްތީނުގެ ބިން ނުހައްޤުން ފޭރިގަނެ ފަލަސްތީން ބިމުގައި ލާއިންސާނީ އެތައް އަމަލެއް ހިންގަމުންދާ އިސްރާއީލްގެ ޔަހޫދީ ދައުލަތާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދުގައި އެންމެ ވަރުގަދަ އަށް ބައިވެރިވަމުންދާ ޖަމާޢަތަކީ ޙަމާސް ޖަމާޢަތެވެ.

ޙަމާސް ޖަމާޢަތް ނުވަތަ ޙަރަކާތުލް މުޤާވަމަތުލް އިސްލާމިއްޔާ އުފެދުނީ 1987 ވަނަ އަހަރުއެވެ. ނަމަވެސް ޙަމާސް އުފެދުނުކަން އިއުލާން ކޮށް ރަސްމީކޮށް އެޖަމާއަތުގެ މަސައްކަތް ފަށާފައި ވަނީ 1988 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ހަމާސް ޖަމާއަތް އުފެދުމުގެ އަސްލު ކަމުގައި ވެފައި އޮތީ އިސްރާއީލްގެ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ފަލަސްތީން ރައްޔިތުން ކެކިއަރައިގަތް ފުރަތަމަ އިންތިފާޟާ އާއެވެ. ޙަމާސް އުފެދިގެން އައީ މިހާރު ވެސް އެޖަމާއަތުގެ ބާރު އެންމެ ގަދަ ސަރަހައްދު ކަމަށްވާ ފަލަސްތީނުގެ ޣައްޒާ ގައެވެ. އެ ޖަމާޢަތް އުފެއްދުމުގައި އިސްކޮށް ތިބީ ޣައްޒާގައި ތިބި އިޚްވާނުލް މުސްލިމީންގެ މެމްބަރުންނެވެ.

އިޚްވާނުލް މުސްލިމީން ނުވަތަ އިސްލާމިކް ބްރަދަހްޑަކީ އިސްލާމީ ޚިލާފަތު އުވި، ޤައުމިއްޔަތާއި ވަޠަނިއްޔަތާއި ޢިލްމާނިއްޔަތުގެ އުޞޫލުތަކުގެ ދަށުން ޚިލާފަތު ބައިބައިކޮށްލެވުމާ ގުޅިގެން މިޞުރުގައި އުފެދުނު ޙަރަކާތެކެވެ. އެ ޙަރަކާތުގެ ބާނީއަކީ އައްޝަހީދު ޝައިޚް ޙަސަނުލް ބަންނާ އެވެ. ފަހުން އެހަރަކާތް މުޅި އަރަބި ދުނިޔެއަށް ފެތުރިގެން ދިއައީއެވެ.

ފަލަސްތީނުގެ ފުރަތަމަ އިންތިފާޟާގެ ކުރީން ވެސް އިޚްވާނުލް މުސްލިމީންގެ ޙަރަކާތްތައް ފަލަސްޠީނުގެ އެކި ސަރަހައްދު ތަކުގައި ކުރިއަށް ގެން ގޮސްފައި ވެއެވެ. ނަމަވެސް އޭރު އިޙްވާނުލް މުސްލިމީންގެ މަސައްކަތަކަށް ވެފައި އޮތީ އިސްލާމީ ތަޢުލީމު ފެތުރުމާއި، ޞިއްޙީ ޚިދުމަތް ފަދަ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިސްލާމީ ޘަޤާފަތް ދިރުވައި ރައްކާތެރިކުރުމެވެ. ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ތެރޭގައި އިޚްވާނުލް މުސްލިމީންނަށް ހާއްސަ ލޯތްބަކާއި ގަދަރެއް ދެވުނެވެ.

ޙަމާސް ޖަމާޢަތުގެ ބިންގާ އެޅުއްވީ އިޚްވާނުލް މުސްލިމީންގެ އިސް ބޭފުޅެއް ކަމުގައިވާ އައްޝަހީދު ޝައިޚް އަޙުމަދު އިސްމާޢީލް ޙަސަން ޔާސީނެވެ. އޭނާއަކީ ދީނީ ޢިލްމުވެރިއެކެވެ.އޭނާއާއެކު ހަމާސް ޖަމާޢަތް އުފެއްދުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތީ އައްޝަހީދު ޑރ.ޢަބްދުލް ޢަޒީޒް ރަންތީސީ ނުވަތަ މަޝްހޫރު ނަމުންނަމަ ފަލަސްތީނުގެ ސިންގާ އެވެ.

ހަމާސްގެ ބާނީން ކަމުގައިވާ ޝައިޚް އަޙުމަދު އިސްމާޢީލް ޙަސަން ޔާސީން އާއި ޑރ.ޢަބްދުލް ޢަޒީޒް ރަންތީސީ ވަނީ އިސްރާއީލްގެ ލާއިންސާނީ ހަމަލާއެއްގައި 2004 ވަނަ އަހަރު ޝަހީދު ވެފައެވެ.

ޝައިޚް އަޙުމަދު އިސްމާޢީލް ޙަސަން ޔާސީން ޝަހީދުވެ ވަޑައިގެންނެވީ 2004 ވަނަ އަހަރުގެ މާރޗް 22 ވަނަ ދުވަހު ފަތިސް ނަމާދުން އަވަދިވެ ވަޑައިގެން މިސްކިތުން ނިކުންނެވި ތަނުން އިސްރާއީލްގެ ހެލިކޮޕްޓަރަކުން ދިން ހަމަލާއެއްގައެވެ. އޭރު ޝައިޚް ޔާސީން އަކީ ހަމާސްގެ ލީޑަރެވެ.

ޝައިޚް ޔާސީން ޝަހީދުވުމާއި ގުޅިގެން ހަމާސްގެ ލީޑަރުގެ މަގާމަށް އިސްކުރެވުނީ ޑރ.ޢަބްދުލް ޢަޒީޒް ރަންތީސީ އެވެ. ޑރ.ރަންތީސީ ޝަހީދުވެ ވަޑައިގެންނެވީ 2004 އޭޕްރީލް 17 ވަނަ ދުވަހު އޭނާ ދަތުރު ކުރައްވަމުން ގެންދެވި ކާރުކޮޅަށް އިސްރާއީލުން ދިން ހަމަލާއެއްގައެވެ.

ހަމާސް ޖަމާއަތް ފުރަތަމަ އުފެދުނު އިރު އިސްރާއީލާއި ދެކޮޅަށް ހަތިޔާރުގެ ބޭނުން ކުރުމަކީ ހަމާސްގެ އެޖެންޑާގައި އޮތް ކަމެއް ނޫނެވެ. ނަމަވެސް އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިއުމުން ހަމާސް އަށް މަޖުބޫރުވީ އިސްރާއީލާއި ދެކޮޅަށް ހަތިޔާރުގެ ބޭނުން ކުރާށެވެ.

މިއަދު މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު އަސްކަރީ އެއްބާރު ކަމަށްވާ އިސްރާއީލަށް އެންމެ ޒަމާނީ ހަތިޔާރު ތަކާއި އެކުވެސް ބަލި ނުކުރެވިގެން މިއުޅޭ ހަމާސް ޖަމާއަތުގެ ޤައްސާމް ބްރިގޭޑްސް އަކީ ހަމާސްގެ އަސްކަރީ ގޮތްޕެވެ. ހަމާސް އިން ޤައްސާމް ބްރިގޭޑްސް އުފެއްދީ 1990 ވަނަ އަހަރު އެވެ. ހަމާސްގެ އަސްކަރީ ގޮފީގެ ނަން ނިސްބަތް ވަނީ 1935 ވަނަ އަހަރު އިނގިރޭސި ސިފައިންގެ ޓެރަރިސްޓް ޙަމަލާއެއްގައި ޝަހީދުވި ފަލަސްޠީނުގެ މުސްލިމް ލީޑަރެއް ކަމުގައިވާ ޝައިޚް ޢިއްޒުއްދީނުލް ޤައްސާމަށެވެ.

ޙަމާސްގެ މުޖާހިދުން އިޒްރޭލުގެ ޓެރަރިސްޓް ސިފައިންނާ ދެކޮޅަށް އާދަޔާ ޚިލާފު ހިތްވަރަކާއެކު ޙަރަކާތްތެރި ވެފައި ވެއެވެ. އަދި މިހާރު ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ހަމާސް ޖަމާއަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ ތިން ގޮތްޕެއްގެ މައްޗަށެވެ. އެއީ މަދަނީ އެހީތެރިކަން ފޯރުކޮށްދޭ ގޮތްޕާއި ސިޔާސީ ގޮތްޕާއި އަސްކަރީ ގޮތްޕެވެ. މަދަނީ ގޮފީގެ މަސައްކަތަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ކުޑަކޮށްދީ އިންސާނީ އެހީތެރިކަން ފޯރު ކޮށްދިނުމެވެ.

ސިޔާސީ ގޮފީގެ މަސައްކަތަކަށް އޮންނަނީ ސިޔާސީ ގޮތުން ހަމާސް ކުރިއަރުވައި ވަރުގަދަ ޖަމާއަތެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ހުރި ގޮންޖެހުންތަކާއި ކުރިމަތިލައި އެގޮންޖެހުންތައް ނައްތާލުމުގެ މައްޗަށެވެ.

ހަމާސްގެ އަސްކަރީ ގޮފި އެތައް ބަޔަކަށް ބެހިފައިވާ ކަމަށް މުހައްލިލުން ލަފާކުރަށްވައެވެ. އޭގެ ތެރޭގައި ޖިހާދު ކުރާނެ މީހުން ހޯދުމުގެ މަސައްކަތް ކުރަންށާއި ހަމާސްގެ ތެރޭގައި އުޅޭ އިސްރާއީލްގެ ޖާސޫސުން ހޯދަން ވެސް ހަމާސްގެ އަސްކަރީ ގޮފީގެ ދަށުން ހާއްސަ ގޮތްފިތަކެއް ހުންނަ ކަމަށް ވެއެވެ.

އަދި އަސްކަރީ ގޮފީގެ ދަށުން ހަމާސްގެ ޖާސޫސީ އިދާރާ އެއް ވެސް ހިނގަމުންދާ ކަމަށް ވެއެވެ. ޖާސޫސީ އިދާރާގެ މަސައްކަތަކަށް ވެފައި އޮންނަނީ އިސްރާއީލުގެ ރޭވުންތައް ދެނެގަތުމާއި ހަމަލާ ދޭނެ ތަންތަން ދެނެގަތުމެވެ.

މީގެ އިތުރުން ހަމާސް އިން ބޭނުންކުރާނެ ހަތިޔާރު އުފެއްދުމާއި ޣައްޒާ އަށް ހަތިޔާރު އެތެރެ ކުރުމަކީ ވެސް ހަމާސްގެ އަސްކަރީ ގޮފީގެ ދަށުން ހިނގަމުން އަންނަ ދެގޮތްޕަކުން ކުރާ މަސައްކަތެވެ.

ހަމާސްގެ ހަމަލާތަކުގައި އިސްރާއީލަށް މާބޮޑު ގެއްލުމެއް ލިބެމުން ނުދާއިރު އަދި ހަމާސްގެ ހަމަލާތަކުގެ ސަބަބުން އޭގެ ރައްދުގައި އިސްރާއީލުން ދެމުންދާ ގަދަފަދަ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވަމުން ދާއިރު ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ހަމާސް އަށް އެހާ ބޮޑު ތާއީދެއް އޮންނަނީ ކީއްވެތޯ މިއީ ފަލަސްތީނުގެ އެތެރޭގެ ހާލަތު ނޭންގޭ މީހުން ބައެއް ފަހަރު ކުރާ ސުވާލުކުރެއެވެ.

އެސުވާލުގެ ޖަވާބަކީ ފަލަސްތީނުގެ ކޮންމެ ރައްޔިތަކީ މިނިވަންކަމަށް ފެން ބޮވައިގެންފައިވާ ރައްޔިތެކެވެ. ފަލަސްތީނުގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ހަމައެކަނި ވާހަކަދައްކައިގެން އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން އިސްރާއީލާއި ދެކޮޅަށް ހަތިޔާރު އުފުލުމަކީ ފަލަސްތީނުގެ ގިނަ ރައްޔިތުންގެ ފުރިހަމަ ތާއިދު އޮތް ކަމެކެވެ.

ނަމަވެސް ފަލަސްތީނުގެ ޣައްޒާ ފިޔަވައި އެހެން ސަރަހައްދު ތަކުގައި ވެރިކަން ކުރަމުން އަންނަ ފަތަހަ ޖަމާއަތުގެ އަސްކަރީ ބާރު ދެރަވެ އެޖަމާއަތުގެ ލީޑަރ މަހްމޫދު އައްބާސްގެ މަޑުމައިތިރި ސިޔާސަތު ތަކުގެ ސަބަބުން ފަތަހަ ޖަމާއަތައް ފަލަސްތީނުގެ މިނިވަން ކަމުގެ ދިދަ ނުއުފުލޭނެ ކަން ފަލަސްތީނުގެ ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

މިއަދު ފަލަސްތީނުގެ ގިނަ ރައްޔިތުންގެ އުންމީދުތައް ހާސިލް ކޮށްދިނުމަށް ގަދައަޅައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތަކީ ނުހައްޤުން ފަލަސްތީނުގެ ބިމަށް ވެރިވެގެންފައިވާ އިސްރާއީލް ފަލަސްތީނުގެ ބިމުން ފައްސާލެވޭނެ ހަމައެކަނި ޖަމާއަތް ކަމަށް ފަލަސްތީން ރައްޔިތުން ގަބޫލު ކުރެއެވެ. އެހެން ކަމުން މިނިވަން ކަން ހޯދުމަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ވާން ޖެހުނަސް ހަމާސް ޖަމާއަތާއި އެކު އެޤުރުބާނީ ވުމަށް ޣައްޒާ އާއި މުޅި ފަލަސްތީނުގެ ރައްޔިތުން ތިބީ ތައްޔާރަށެވެ.

ވަގުތު އޮންލައިން

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *