ޗެލްސީގެ ޓޮރޭޒް މިލާނަށް ބަދަލުވަނީ!

އިނގިރޭސިވިލާތުގެ ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭޒް ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގައި އިޓަލީގެ އޭސީ މިލާނަށް ބަދަލުވުމަށް އެއްބަސްވުމަކަށް އާދެވިފައި ވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބްރިޓިޝް ޓްރާންފާ ރެކޯޑް އަދަދެއް ކަމަށްވާ 50 މިލިއަން ޕައުންޑުގެ ފީއަކަށް 2011 ވަނަ އަހަރު ލިވަޕޫލުން ޗެލްސީއަށް ބަދަލުވި ކުރީގެ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް، މިލާނަށް ބަދަލުވުމުގެ ހުރިހާ ކަމެއް މިއަދުގެ ވަގުތެއްގައި ހަމަޖެހޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީއަށް 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރި ޓޮރޭޒް ލިވަޕޫލުން ޗެލްސީއަށް ބަދަލުވިފަހުން އޭނާއަށް ލަނޑު ނުޖެހުމާއި، ކުރިން އޭނާ ދައްކަމުންދިޔަ މޮޅު ކުޅުން ނުދެއްކި ދިއުމުގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ.

ޗެލްސީއަށް ޓޮރޭޒް ކުޅުނު 110 ލީގު މެޗުގައި އޭނާއަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ 20 ލަނޑެވެ. އަދި އެޓީމަށް 2011 ވަނަ އަަހަރު ބަދަލުވިފަހުން ޖުމުލަ 172 މެޗު ކުޅެފައިވާ އިރު އޭނާ ވަނީ އެޓީމަށް 42 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މިލާނާއެކު ހަދާފައިވާ ޓޮރޭޒްގެ ޓްރާންސްފާ އެއްބަސްވުން އިއުލާނުކުރުމުގެ ކުރިން ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ، “އޭނާ [ޓޮރޭޒް] ދާން ބޭނުން ނަމަ އޭގެ މާނައަކީ، އޭނާ ބޭނުން ވަނީ، އާ ކްލަބަކާ އެކު އާލީގެއްގައި އާ ހަޔާތެއް ތަޖުރިބާ ކުރުން. އަދި ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހު އޭނާ ހޭދަކުރި ދުވަސްތަކަށް ވުރެ އުފާވެރި ދުވަސްތަކެއް ހޭދަކުރުން،” ކަމަށެވެ.

ޗެލްސީގެ ކުރީގެ ފޯވާޑް ޑިޑިއަ ޑްރޮގްބާގެ އެނބުރި އައުމާއި، އެތުލެޓިކޯއިން ޗެލްސީއަށް ޑިއެގޯ ކޮސްޓާ ގެނައުމާ ގުޅިގެން ޓޮރޭޒްށް އެޓީމުގެ ފޯވާޑް ލައިނުން ޖާގަ ހޯދުމުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މޮރީނިއޯ ކުރިން ބުނެފައި ވަނީ، ޓޮރޭޒް ޗެލްސީއާ އެކު މަޑުކުރުން އެއީ މޮރީނިއޯ އެންމެ ބޭނުންވާ ގޮތް ކަމުގައެވެ.

މިލާންގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ ލިވަޕޫލަށް ބަދަލުވުމާ ގުޅިގެން އެޓީމުން މިދިޔަ ހަފްތާގައި ވަނީ، ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފަ އެވެ.

“ޓޮރޭޒަކީ އަހަރެމެންނަށް ވަރަށް މުހިއްމު ފޯވާޑަކަށް ވާނެ. އެހެން ކަމުން އޭނާ މި ކްލަބަށް ގެނެވޭތޯ ނުވަތަ އެހެން ފޯވާޑެއް ލިބޭތޯ އަހަރެމެން މަސައްކަތް ކުރާނަން،” މިލާންގެ ވެބްސައިޓްގައި އެޓީމުގެ ވައިސް ޕްރެޒިޑެންޓް އެޑްރިއާނޯ ގަލިއާނީ ވިދާޅުވެފައި ވެއެވެ.

ޗެލްސީން ޓޮރޭޒް ގަތުމަށް ހަދާފައިވާ އިނގިރޭސި ޓްރާންސްފާ ރެކޯޑް މެންޗެސްޓާ ޔުނައިޓެޑުން ވަނީ މުގުރާލައިފައެވެ. އެގޮތުން އެޓީމަށް މިފަހަރު ސޮއިކުރި، ރެއާލް މެޑްރިޑްގެ އާޖެންޓީނާ ވިންގާ އެޖެލް ޑި މަރިއާ ޔުނައިޓެޑާ ގުޅިފައި ވަނީ، 59.7 މިލިއަން ޕައުންޑުގެ ފީއަކަށެވެ. 

ޗެލްސީގެ ސަޕޯޓަރުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ޓޮރޭޒްއާ ބެހޭގޮތުން މޮރީނިއޯ އެންމެ ފަހުން ބުނެފައިވަނީ، ޓްރާންފާ ވިންޑޯގެ އެންމެ ފަހު މިނިޓާ ހަމައަށް ވެސް ޗެލްސީގައި ޓޮރޭޒް ބަހައްޓަން އޭނާ މަސައްކަތް ކުރާނޭ ކަމަށެވެ.

 

ސަންއޮންލައިން

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *