ލޯބިވެރިޔާ އެކްސް އާއި ވާހަކަދައްކާތީ ހަސަދަވެރިވެވޭތަ؟

ޙަޤީޤަތް ހާމަކުރުމަކީ ބައެއް ފަހަރު ކުރަން ވަރަށް ދަތި ކަމެކެވެ. ހިތުގައި އޮންނަ ބައެއް އެއްޗެހި ލޯބިވެރިޔާ އަށް އެނގޭނަމަ ކިހާ ރަނގަޅުހޭ މިއީ ބައެއް މީހުންގެ ހިތައް އަރާ އެއްޗެކެވެ.

ހަސަދަވެރިވުމަކީ އެކަމުގެ ގެއްލުން ފައިދާ އަށް ވުރެ ބޮޑު ނުރަނގަޅު އިހްސާސެކެވެ. ހަސަދަވެރިކަން ހިތުއަޅައިގެން އުޅޭ މީހަކަށް އޭނާގެ އަމިއްލަ ދިރިއުޅުމާއި މެދު ވިސްނުމަށް ވުރެ މުހިންމު ވެފައި އޮންނާނީ އެހެން މީހުން އުޅޭ ގޮތާއި އެހެން މީހުން ކުރާ ކަންތައް ބެލުމެވެ.

އަހަރެންގެ ދިރިއުޅުމުގެ ކަންތައް މިހާރު ރޭވިފައި ހުންނަ ގޮތުން ނިދާނެ ވަގުތެއް ވަނީ ފަތިހު 5 ޖަހާއިރުއެވެ. އަނެއްކޮޅުން 8 ޖަހާއިރު ހޭލަން ޖެހެއެވެ. ހުސްވި ހަފްތާގައި އާދައިގެ މަތިން އަހަރެން ނިދަން އޮށޯތީ ފަތިހު 5 ޖެހި ފަހުންނެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ކުއްލިއަކަށް ރިންގްވާން ފެށި ފޯނުގެ ސަބަބުން އައި ރުޅި އާއި ވީފޫހި އެއްކޮށްގެން ފޯނަށް ޖަވާބު ދޭން ޖެހިއްޖެއެވެ.

އައި ކޯލަކީ ޖަވާބު ނުދީ ދޫކޮށްލެވޭ ވަރަށް ވުރެ މުހިންމު ނަމްބަރަކުން އައި ކޯލެކެވެ. ފޯން ކުރީ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އަންހެން ކުއްޖެކެވެ. އެގަޑީގައި އޭނާ ގުޅާނީ ކޮންމެވެސް ބޮޑު ކަމެއް ޖެހިގެން ކަން އަހަންނަށް ޔަގީނެވެ. އޭނާގެ އަޑު ޖެހުމުން އެކަން އިތުރަށް ކަށަވަރު ވެއްޖެއެވެ. އޭނާގެ އަޑުހުރީ ރޮއެރޮއެ ކުރަކި ވެފައެވެ.

ކިހިނެއްވީތޯ އަހާލުމުން އޭނާ ބުނީ އޭނާގެ ލޯބިވެރިޔާ ލޯބިވެރިޔާގެ އެކްސް އާއި ވާހަކަދައްކާތީ މައްސަލަ މާބޮޑަށް ހޫނުވީ ކަމަށެވެ. “އަހަރެން މާ ޖެލަސް ވަނީ އޯ” އޭނާ ބުންޏެވެ. މައްސަލަ ހޫނުވެ ދެމީހުން ވަކިވާ ހިސާބަށް ދިއުމުން ތިންވަނަ ފަރާތެއްގެ ހިޔާލު މުހިންމު ކަމަށާއި ކަންތައް ކުރަންވީ ގޮތުގެ ރަނގަޅު ލަފައެއް ދިނުމަށް އަހަރެންގެ ކިބައިން އޭނާ އެދުނެވެ.

ތިވާހަކަ ދައްކާލަން މާދަމާ ދިމާވެލާނީ ކަމަށް ބުނެ އޭނާގެ ހިތްހަމަޖައްސާލައިދީފައި އަހަރެން ނިދީއެވެ.

އެކްސް ނުވަތަ ކުރީގެ ލޯބިވެރިޔާ އާއި ލޯބިވެރިޔާ މާގާތް ގުޅުމެއް ބޭއްވުމަކީ ދެލޯބިވެރިންގެ މެދުގައި ކޫސަނި މައްސަލަތައް ޖެހެން ދިމާވާ ސަބަބެކެވެ. އެކަކު އަނެކަކަށް ޝައްކު ކޮށް ލޯބިން ބިނާކުރަމުންދާ ހުވަފެނީ އިމާރާތް “އެކްސް” ގެ ސަބަބުން ބިމާ ހަމަވެގެން ދަނީ މަދެއްކޮށެއް ނޫނެވެ.

އެހެންކަމުން މިފަދަ މައްސަލަތައް ދިމާވެފައިވާ މީހުންނަށް އަހަރެން ކުޑަކުޑަ އެހީތެރިކަމެއް ފޯރުކޮށްދޭނަމެވެ.

ތިބާގެ ލޯބިވެރިޔާ އަކީ ހަސަދަ ވެރިކަމުގެ ހުޅުގަނޑު ހިތުގައި ރޯވެފައި ހުންނަ މީހެއް ހެއްޔެވެ؟ ތިބާ ވާހަކަދައްކަންވީ މީހުންނާއި ވާހަކަ ނުދައްކަންވީ މީހާ އެނގެނީ ތިބާގެ ލޯބިވެރިޔާ އަށް ހެއްޔެވެ؟ ނޫނީ ތިބާ ތިބާގެ ހިތުގައި އަނދަމުން ތިދާ ހަސަދަވެރިކަމުގެ އަލިފާންގަނޑު ބޭރަށް ފާޅުވިޔަނުދީ ހުންނަނީ ހެއްޔެވެ؟ ތިހެން ކިހާ ދުވަހަކު ހުރެވިދާނެ ހެއްޔެވެ؟

ތިބާގެ ލޯބިވެރިޔާ ތިބާ އިހްތިޔާރު ކުރި ސަބަބު

ތިބާގެ ލޯބިވެރިޔާ ތިބާ އިހްތިޔާރު ކުރީ ކީއްވެ؟ އޭނާ ތިބާ އިހްތިޔާރު ކުރާނީ ތިބާއަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ކަމުގެ މަގާމަށް ގެންނަން އޭނާގެ “އެކްސް” އަށް ވުރެ ރަނގަޅު މީހަކަށް ވީމައެވެ. ނަމަވެސް އެރަނގަޅު ސިފަ އަކީ ކޮބައިކަން ތިބާ އަށް ނޭންގި އޮވެ ދާނެއެވެ. އެހެން ކަމަށް ވާނަމަ ލޯބިވެރިޔާ ކުރެން އަހާށެވެ. ތިބާގެ ރަނގަޅު ސިފަ އަކީ ނުވަތަ ސިފަ ތަކަކީ ކޮބައި ހެއްޔެވެ؟ އަދި އޭނާގެ ކުރީގެ ލޯބިވެރިޔާގެ ހުރި އުނި ސިފަތަކަކީ ކޮބައި ހެއްޔެވެ؟

މިހާ ހިސާބުން ތިބާގެ ކިބައިގައި ހުންނަން ތިބާގެ ލޯބިވެރިޔާ ބޭނުންވާ ސިފަތަކާއި ބޭނުން ނުވާ ސިފަތައް ވަރަށް ސާފުވާނެއެވެ. އެހެން ކަމުން ތިބާގެ ލޯބިވެރިޔާ ތިބާ އާއި ގަޔާވި ސިފަތައް ދޫކޮށް ނުލާ ވޭތޯ ގަދަ އަޅައި މަސައްކަތް ކުރާށެވެ. އަދި އޭނާގެ ކުރީގެ ލޯބިވެރިޔާ ގައިގައި ހުރި އުނިސިފަ ތިބާގެ ގައިން ތިބާގެ ލޯބިވެރިޔާ އަށް ފެނުނަ ނުދޭށެވެ.

އޭރުން ތިބާގެ ލޯބިވެރިޔާ އޭނާގެ ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ނައްތާލަން ފަސޭހަވެ ތިބާ އާއި ތިބާގެ ލޯބިވެރިޔާ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެއެވެ.

އިތުބާރުކުރޭ

ޝައްކާއި ވަހުމަކީ ޙަޤީޤަތް އޮޅުވާ އެއްޗެކެވެ. ލޯބިވެރިޔާ އަށް އެއްވެސް ކަމެއްގައި ޝައްކު ނުކުރާށެވެ. އޭނާގެ އުޅުމަށް ބަދަލު އައިސްފި ނަމަ އެއީ ކީއްވެގެން އަދި ބަދަލެއްކަން އޭނާ ކައިރިން އަހައިގެން އޮޅުން ފިލުވާށެވެ.

ލޯބިވެރިޔާ އޭނާގެ އެކްސް އާއި ވާހަކަ ދެއްކުމަކީ އެދެމީހުން އަލުން ގުޅެން އުޅޭ ކަމުގެ ހެއްކެއް ނޫނެވެ. އަދި އެދެމީހުން އެކަކު އަނެކަކު ދެކެ މިހާރު ލޯބި ވުމެއް ވެސް ނޫނެވެ. އެހެން ކަމުން ލޯބިވެރިޔާ އޭނާގެ އެކްސް އާއި ވާހަކަ ދެއްކުމަކީ ތިބާ އަދި ބިރު ގަންނަން ޖެހޭ ކަމެއް ނޫނެވެ. އަދި ދެރަވާންވީ ކަމެއް ވެސް ނޫނެވެ. އަދި ހަސަދަވެރިވާންވީ ކަމެއް ވެސް ނޫނެވެ.

ނަމަވެސް އެދެމީހުން އިން ފަހަނައަޅައި ދާނަމަ އެއީ މައްސަލައެކެވެ. ދުވާލު ތިން އިރު އެދެމީހުން ފޯން ކުރަން ޖެހި ހަފްތާއަކު ދެތިން ފަހަރު ބައްދަލުކުރާނަމަ އެކަމާއި ވިސްނަން ޖެހެއެވެ. އަދި ތިބާގެ ލޯބިވެރިޔާ ކެނޑިނޭޅި އޭނާގެ އެކްސްގެ ވާހަކަ ތިބާ ކައިރީ ދަށްކާނަމަ އެކަމާ ވެސް ވިސްނަން އެބަ ޖެހެއެވެ.

ހަސަދަވެރިކަން

ހާއްސަކޮށް ބައެއް އަންހެން ކުދިންނަކީ ޝަކުވާ ގިނަ ބައެކެވެ. ލޯބިވެރިޔާ އަންހެން ކުއްޖަކާއި ވާހަކަ ދެއްކިއަސް ނުވަތަ އެކްސް އަކާއި ވާހަކަ ދެއްކިއަސް އެކަން ބޮޑު މައްސަލައަކަށް ވެއެވެ. މިއީ ބައެއް ޒުވާން ފިރިހެނުންގެ ޝަކުވާ އެކެވެ. މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

ހަސަދަވެރިކަމުގެ ހުޅަކީ މަޒުމޫނެއް ކިޔާލުމަކުން ނުވަތަ ރަހުމްތަތެރިއެއް ނޫނީ ތަޖުރިބާކާރަކު ދޭ ހިޔާލަކު ނިއްވާލެވޭނެ ހުޅުގަނޑެއް ނޫނެވެ. ހަސަދަވެރިކަމުގެ ހުޅުގަނޑު ނިއްވާލުމަށް ބޭނުންވަނީ ހަމްދަރުދީ އާއި ލޯބިން ފުރިފައިވާ ހިތެއްގެ ވެރިއަކަށް ތިބާ ވުމެވެ. ތިބާގެ ހިތް ލޯއްބާއި ހަމްދަރުދީ އާއި އަޅާލުމާއި އޯގާތެރިކަމުން ފުރިއްޖެނަމަ ތިހިތުގައި ހަސަދަވެރިކަމަކަށް ޖާގައެއް ނޯންނާނެއެވެ.

ތިބާ ތިބާގެ ލޯބިވެރިޔާ ދެކެ ލޯބި ވާށެވެ. އޭނާ އަށްޓަކައި ހަމްދަރުދީ ވާށެވެ. އޭނާ އަށް އަޅާލާށެވެ. އޭނާ އަށް އޯގާތެރިވާށެވެ. ތިބާ ދޫކޮށް އެހެން މީހެއް ކައިރިއަށް ދިއުމުން ތިލޯއްބާއި ތިހަމްދަރުދީ އަދި ތިއަޅާލުމާއި ތިއޯގާތެރިކަން ނުލިބޭނެ ކަން ތިބާގެ އަމަލުތަކުން އޭނާ އަށް ސާބިތު ކޮށްދޭށެވެ. އޭރުން އޭނާ ތިބާ ދޫކޮށްލާފައި އެހެން ދިމާ އަކަށް ދިއުމަކީ ވާނެ ކަމެއް ނޫނެވެ. ހާއްސަކޮށް “ކަމުނުގޮސް ގެން” ދޫކޮށްލި އެކްސް ކައިރިއަށް އޭނާ ދިއުމަކީ ވުން ވަރަށް ދުރު ކަމެކެވެ.

މައްސަލައަކީ ކޮބައި ކަމެއް ނޭންގޭ

އިސްވެ އަހަރެން ބުނި ހުރިހާ ފަންޑިތަ އެއް ހަދައިގެން ވެސް މައްސަލައަށް ހައްލެއް ނުލިބުނީ ހެއްޔެވެ؟ އަދިވެސް ލޯބިވެރިޔާ އޭނާގެ އެކްސް އާއި ވާހަކަ ދައްކަނީ ހެއްޔެވެ؟ އެހެންކަމަށްވަނަމަ ދެން މިމައްސަލައަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

ލޯބިވާ މީހަކާއި ވަކިވުމަކީ މީހަކު ހަޔާތުގައި ކުރާނެ އެންމެ ހިތްދަތި ތަޖުރިބާއެވެ. އެހެން ކަމުން ލޯބިވާ މިހަކާއި ވަކިވުމަކީ އެއްވެސް މީހަކު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. އެކަމަކު މައްސަލަތަކެއްގެ ތެރެއަށް ވެއްޓި ކަރުތާފެނުގައި ނޭވާ ނުލެވިފައި އޮތުމަކީ ވެސް ހައްލެއް ނޫނެވެ. އަދި އެއީ އުފާވެރި ދިރިއުޅުމަކަށް ވެސް ނުވާނެއެވެ.

ތިބާގެ ލޯބިވެރިޔާ ތިބާ އަށްޓަކައި އޭނާގެ އެކްސް އާއި އޮތް ގާތް ގުޅުން “ދުރުކޮށްލަން” އެއްބަސްނުވާނަމަ ތިބާގެ ލޯބިވެރިޔާ އަކީ ތިބާގެ ހަޔާތުގެ ބައިވެރިޔާގެ މަގާމަށް ގެންނަން އެންމެ ރަނގަޅު މީހާއެކޭ އަހަރެން ނުބުނާނަމެވެ.

ދެމީހެއްގެ ގުޅުމެއް ކުރިއަށް ގެންދެވޭނީ ކޮންމެ މީހަކު ވެސް ޤުރުބާނީ ތަކެއް ވެގެންނެވެ. ތިބާ އެދޭ ބައެއް ކަންތައްތައް އެއީ އޭނާ އެންމެ ބޭނުންވާ ކަންތައްތައް ކަމަށް ނުވިޔަސް ތިބާ އަށްޓަކައި އޭނާ އެކަން ކުރުން އެއީ ތިދެމީހުންގެ ލޯތްބަށްޓަކައި އޭނާވާ ޤުރުބާނީއެކެވެ. ހަމައެފަދައިން އޭނާ ބުނާ ބައެއް ކަންތައްތައް ވެސް ތިބާ ކުރަން ޖެހޭނެއެވެ. އެއީ ލޯތްބަށްޓަކައި ތިބާވާ ޤުރުބާނީއެވެ.

ހުރިހާ ވާހަކައެއް ކުރުކޮށްލުމަށް ފަހު ބުނާނަމަ ބުނެވޭނީ ތިބާގެ ލޯބިވެރިޔާ އޭނާގެ އެކްސް އާއި ވާހަކަދެއްކުން ތިބާ އަށްޓަކައި ހުއްޓާނުލާނަމަ ތިލޯތްބަށްޓަކައި ޤުރުބާނީ އެއް ވުމަށް އޭނާ ބޭނުން ނުވަނީ އެވެ. އޭގެ މާނައަކީ ތިބާގެ ހަޔާތް އުފާވެރި ކުރުމުގެ ޤާބިލްކަމާއި ލޯބި ދިނުމުގެ ގާބިލްކަން ތިބާގެ ލޯބިވެރިޔާގެ ކިބަޔަކު ނެތެވެ. ހަޔާތުގެ ބައިވެރިއެއްގެ މަގާމަށް ބޭނުންވަނީ ތިބާ ލޯބިވާ މީހެއް ނޫނެވެ. ތިބާ ދެކެ ލޯބިވާ މީހެކެވެ.

އެހެންކަމުން އަހަރެންގެ ނަސޭހަތަކީ ކުދިކުދި ހަމަލާތަކުން ހިތް ކަތިވޭވޭ ކުރުމަށް ވުރެ އެއްފަހަރު ހިތާއި ދެކޮޅަށް ނަމަވެސް ހަޔާތުގެ މިސްރާބު ބަދަލުކޮށްލުން މާރަގަނޅު ވާނެއެވެ.

ވަގުތި އޮންލައިން

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *