ލޯބިވެރިޔާ އަބަދު ބިޒީ – ދެން ހަދާނީ ކިހިނެއް؟

ލޯތްބަކީ ކުޅިމަޖަލާއި ހިތްދަތިކަމާއި އޮޅުންބޮޅުން ގިނަ އެއްޗެކެވެ. ދެލޯބިވެރިން ނިކަން އުފަލުން ތިބެ ފޭސްބްކު ނުވަތަ އިންސްޓަގްރާމްގައި ފޮޓޯ އެއް ޝެއާ ކޮށްލާ މަންޒަރު ދުރުގައި ބަލަންތިބޭ މީހުންނަށް ފެނުނު ނަމަވެސް ޙަޤީޤަތަކީ ކޮންމެ ދެލޯބިވެރިންނަކީ ވެސް ކޮންމެވެސް މައްސަލަތަކެއްގެ ތެރޭ ހޫނު ބަހުސް ތަކެއް ކުރަމުންދާ ބައެއް ކަމެވެ. ނޫނީ ހިތަށް އަރާ އެތައް ކަމެއް ހިތުގައި ވަންހަނާ ކޮށްގެން މޫނު މައްޗަށް އުފާވެރިކަން ގެނެވޭތޯ މަސައްކަތް ކުރާ ބައެކެވެ.

ލޯބީގެ ތަފާތު މައުޟޫ ތަކަށް އަހަރެން ލިޔަމުންދާ ސިލްސިލާ ލިޔުންތަކުގެ މިފަހަރުގެ މައުޟޫ އަކީ ލޯބިވެރިޔާ އަބަދު ބީޒީ ވެގެން އުޅުންޏާ ހަދާނީ ކިހިނެއް ހެއްޔެވެ؟

ލޯބިވެރިޔާ އަބަދު ބީޒީ ވުމަކީ ގިނަ ޒުވާން އަންހެން ކުދިންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. “އަހަންނަށް ވެސް ޓައިމް ދޭންވާނެ” ނޫންހޭ ގިނަ އަންހެން ކުދިންގެ ހިތައް އަރައެވެ. “އެހާ ބިޒީ ވެގެން އޭނާ ދެން އަބަދު ކުރާނީ ކޮންކަމެއް” ހޭ މިއީ ޒުވާން އަންހެން ކުދިން ގިނައިން ކުރާނެ ސުވާލެކެވެ.

ކޮންމެ ދެލޯބިވެރިޔެއްގެ ވެސް އުންމީދަކަށް ވާނީ ނުވަތަ ދެކެމުންދާނެ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ކައިވެނިކޮށް އުމުރު ދުވަހު އެކީގައި އުޅުމެވެ. ނަމަވެސް މިއުންމީދާއި މިހުވަފެން ޙަޤީޤަތަކަށް ހެދުމަށް ކުރަމުންދާ ދަތުރުގެ މިސްރާބު ވަކިހިސާބަކުން ގެއްލި ދަތުރުކުރަމުންދާ އުޅަނދު ގިރިތަކަށާއި ފަރުތަކަށް އަރާ އެންމެ ފަހުން އެކަކު ވީތަން އަނެކަކަށް ނޭންގި ނުވަތަ އެނގެން ބޭނުން ނުވާ ހިސާބަށް ދަނީ މަދެއް ކޮށެއް ނޫނެވެ.

ލޯބިވެރިޔާ ގުޅުމުން “އަހަރެން ވަރަށް ބިޒީ. ފަހުން ގުޅާލާނަން” މިހެން ބުނެލުމަށް އެނަގަނީ ގާތްގަނޑަކަށް ހަސިކުންތު ނަމަވެސް އެއީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ލޯބިވެރިޔާގެ ހިތުން ފިލައިން ނުދާނެ ލަކުނެއް އޭނާގެ ހިތުގައި ލެވޭނެ ޖުމްލައެއް ކަން ހަނދާން ނައްތާ ނުލާށެވެ.

ބިޒީ ވެގެން ކުރަނީ ކޮންކަމެއް؟

ލޯބިވެރިޔާ އަބަދު ބިޒީ ވެގެން އޭނާ ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އަބަދު އުޅެނީ ވަޒީފާގައި ހެއްޔެވެ؟ ނޫނީ އަބަދު ކިޔަވަނީ ހެއްޔެވެ؟ ނޫނީ އަބަދު ރައްޓެހިންނާއި އެކު ކޮފީ ޝޮޕެއްގެ ތެރޭގައި އިންނަނީ ހެއްޔެވެ؟

އާންމުދަނީ ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ނަމަވެސް އެކަމަކަށް ވެސް ހައްދެއް އޮންނަން ޖެހޭނެ އެވެ. ދުވާލަކު 8 ގަޑިއިރު ވަޒީފާ އަދާކޮށްފައި އަދި އިތުރު ވަގުތު ވެސް ވަޒީފާ އަދާކުރަނީ ކީއްކުރަން ހެއްޔެވެ؟ ޖަވާބަކަށް ވަނީ ބޮޑު އާންމުދަނީ އެއް ހޯދަންށެވެ. ބޮޑު އާންމުދަނީ އެއް ބޭނުން ވަނީ ކީއްވެ ހެއްޔެވެ؟ ޖަވާބަކަށް ވާނީ އުފާވެރި ދިރިއުޅުމެއް އުޅުމަށް ޓަކައެވެ.

ލިބޭ އާންމުދަނީ އަކުން ހަމައެކަނި އުފާވެރި ދިރިއުޅުމެއް ލިބިދާނެ ކަމަށް އުންމީދު ނުކުރާށެވެ. އުފާވެރި ދިރިއުޅުމަކަށްޓަކައި ހިތަށް ލިބޭ ހިންހަމަޖެހުމާއި ލޯބިވެރިޔާ ނުވަތަ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން ލިބޭ ލޯތްބާއި އޯގާތެރިކަން ވެސް މުހިންމު ދައުރެއް އަދާކުރާނެއެވެ.

ލޯބިވެރިޔާ އަކީ މަތީތައުލީމް ހާސިލް ކުރަމުންދާ މީހަކަށް ވެދާނެއެވެ. އޭނާ ކޮލެޖްގައި ނުވަތަ ޔުނިވަސިޓީގައި އުޅެންޖެހޭ ގޮތުންނާއި ފިލާވަޅު ދަސް ކުރަން ހޭދަކުރަންޖެހޭ ވަގުތު ގިނަ ކަމުން ބޭނުންވާ ވަރަށް ހުސްވަގުތު ނުލިބިދާނެއެވެ. ރަނގަޅު ވާހަކައެކެވެ. ލޯބިވެރިޔާ އާއި އެކު “މާފޮޅުވުމަށް ވުރެ ކިޔެވުން” މުހިންމުވާން ޖެހޭނެއެވެ. ނަމަވެސް ކިޔެވުމަކީ ހަމަ އެހައި ބިޒީ ކަމެއް ހެއްޔެވެ؟

ލޯބިވެރިޔާ އަށް ވަގުތެއް ނުދެވެނީ ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރަން ޖެހޭތީ ހެއްޔެވެ؟ ރައްޓެހިންނަކީ ދިރިއުޅުމުގެ އެންމެ މުހިންމު އެއްބައެވެ. ލޯބިވެރިޔާ ތިމާ ދޫކޮށްލާފައި ދިއުމުން ވެސް ކައިރީގައި ތިބޭނީ ރައްޓެހިންނެވެ. އެހެން ކަމުން ރައްޓެހިންނަށް ވެސް ވަގުތު ދޭން ޖެހޭނެ އެވެ.

ނަމަވެސް ރައްޓެހިންނާއި އެކު އުޅޭނީ ކިހާ ވަގުތެއްތޯ މިއީ ނިންމަން ޖެހޭނެ ނިންމުމެކެވެ.

މިކަމަށް އޮތީ ކޮން ހައްލެއް؟

ކުރަންޖެހޭ ކަންތައްތައް ގިނަ ކަމުން ދުވާލަކު 24 ގަޑިއިރަށް ވުރެ ގިނަ އިރު އޮންނަ ނަމައޭ އަހަރެން ވެސް ބައެއް ފަހަރު ހިތައް އަރައެވެ. ނަމަވެސް ހަޤީޤަތަކީ ވަގުތު ގިނަ ވުމަކީ ކުރަން ޖެހޭ މަސައްކަތް ނިންމުމަށް އެހީ ވެދޭނެ ކަމެއް ނޫން ކަމެވެ.

ބިޒީވުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ކުރަން ޖެހޭ ކަންތައްތައް ބިޒީ ވެގެން ނުކުރެވުމަކީ މައްސަލައެކެވެ. ބިޒީ ވަނީ ކަންފަސޭހަވެގެންނެވެ. ކުރަންވީ ކަންތައްތަކާ ނުކުރަންވީ ކަންތައްތައް ކަނޑައަޅަން ނޭނގޭތީ އެވެ. ކުރަންހުރި ކަންތައްތައް ކުރުމުގައި އިސްފަސް ތަރުތީބެއް ގެންގުޅެން ވެސް ނޭނގޭތީ އެވެ.

ވަޒީފާ ކިތަންމެ ބުރަޔަސް ކިޔެވުމަށް ކިތަންމެ ވަގުތެއް ހޭދަކުރަން ޖެހުނަސް ރައްޓެހިންނަށް ވަގުތު ދޭން ޖެހުނަސް އެއީ ލޯބިވެރިޔާ އަށް ވަގުތު ނުދެވޭންވީ ސަބަބެއް ނޫނެވެ. ލޯބިވެރިޔާ އަށް ޓަކައި ވަގުތު ކޮޅެއް ހުސްކޮށްލުމަށް ބޭނުންވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ތިމާ ދަސް ކުރުމެވެ.

އެއްދުވަސް ހޭދަކުރާނެ ގޮތުގެ ޓައިމް ޓޭބަލެއް ތައްޔާރު ކުރާށެވެ. ދެމީހުން ކޮންމެ ރެޔަކު ބައްދަލުވާން ޖެހޭނެ ކަމަށް ތިދެމީހުން ގަބޫލު ކުރަންޏާ އެކަމަށް ވަކި ގަޑިއެއް ކަނޑައަޅާ ޓައިމް ޓޭބަލްގައި ނޯޓް ކުރާށެވެ. ދެމީހުން ވާހަކަދައްކަނީ ފޯނުން ކަމަށްވާނަމަ ފޯނު ކުރާނެ ގަޑިއެއް ވެސް ނޯޓް ކުރާށެވެ.

އެގަޑިއަށް ހުސްވުމަކީ ތިދެލޯބިވެރިންގެ ކަމެކެވެ. ނިދަން 6 ގަޑިއިރު ކިޔަވަން ނުވަތަ ވަޒީފާ އަދާކުރަން 12 ގަޑިއިރު ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކުރަން 3 ގަޑިއިރު ދިން ނަމަވެސް އަދި ވެސް ލޯބިވެރިޔާ އަށްޓަކައި 3 ގަޑިއިރު އެބަ އޮތެވެ.

ހަނދާން ކުރަންޖެހޭނެ ކަމަކީ ތިމާ އެއްޗެއް ނުވަތަ ކަމެއް ބޭނުންވެ އެކަމެއް ނުވުމުން ތިމަންނަ އަށް ކުރެވޭ އިހްސާސް އަނެކާއަށް ވެސް ކުރެވޭނެ ކަމެވެ. ލޯބިވެރިޔާ ކައިރީ ތިމަންނަ ބިޒީ އޭ ބުނުމުން އޭނައަށް ކުރެވޭނެ އިހްސާސް އޭނަ އާއި ވާހަކަދައްކާލަން ތިބާ ބޭނުންވާ ވަގުތު އޭނާ ބިޒީ އޭ ބުނުމުން ތިބާ އަށް އެނގޭނެއެވެ.

އަބަދު ބިޒީ – މިއީ އިންޒާރަކަށް ވެދާނެތަ؟

ލޯބިވެރިޔާ އަބަދު ބިޒީ އޭ ބުނެ ތިބާ އަށް ވަގުތު ނުދިނުމަކީ އޭނާ އެހެން މަގަކުން ހިނގަން ފަށައިފި ކަމުގެ އަލާމާތަކަށް ވެދާނެ އެވެ. ސްޕެއާ ފްރޮޅެއް ގެންގުޅެން ފަށާ އެކަމުގައި މަތިޖެހުމަށް ވަޒީފާ ނުވަތަ ކިޔެވުން ނޫނީ ރައްޓެހިންގެ ބޭނުން ހިފަނީ ކަމަށް ވެދާނެއެވެ.

ނަމަވެސް ހަނދާން ކުރާށެވެ. ޝައްކާއި ވަހުމުގެ ފަރުދާ އެއްގެ ބިއްދޮށަށް ވަދެ ހުރެ މަންޒަރު ބަލާ ނަމަ ސާފު ކޮށް އެއްވެސް ތަނެއް ނުފެންނާނެއެވެ.

އެހެން ކަމުން ހިތުގައި ޝައްކެއް އޮތަސް އަދި ސުވާލެއް އޮތް ނަމަވެސް ލޯބިވެރިޔާ ކުރެން އަހައި އޮޅުން ފިލުވާށެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *