މާތްކޮށް ވާހަކަ ދެއްކުމާއި ރީތިކޮށް ވާހަކަ ދެއްކުން

އިންސާނާ އުފާ ވާ ކަންކަމުގެތެރޭގައި އޭނާއަށް އިޙްތިރާމު ކުރުން ހިމެނެއެވެ. ކަމޭ ހިތުމާއި މާތްކޮށް ހިތުން ހިމެނެއެވެ. މި ކަމުގައި އެންމެ ޚާއްޞަ އެއް ވަސީލަތަކީ ބަހެވެ. އެ ބަސް ބޭނުން ކުރެވޭ ގޮތެވެ. ތިބާއާ މީހަކު ވާހަކަ ދައްކާ ގޮތުން އޭނާއާ މެދުގައި ތިބާގެ ހިތުގައި ޚާއްޞަ ޤަދަރެއް އުފެދިދާނެއެވެ. ދެ ފަރާތުގެ ދެމެދުގައި ހަރުދަނާ ބަދަހި ގުޅުމަކާއި ވަރުގަދަ އިތުބާރެއް ގާއިމުވެދާނެއެވެ. މީހަކު ތިބާއާ ވާހަކަ ދައްކާ ގޮތުން މި ކަން މީގެ އަނެއްކޮޅަށް ވެސް ޖެހިދާނެއެވެ. ވީމާ، ކުރާ މުޢާމަލާތުގައި ބަސްމަގު ގެންގުޅެވޭ ގޮތަށް ފަރުވާތެރިވުމަކީ ވަރަށް މުހިންމުކަމެކެވެ.

މި ގޮތުން އަޅުގަނޑު މި މަޒުމޫނުގައި އެއްޗެއް ދަންނަވައިލެވޭތޯ ބަލާނީ، މާތްކޮށް ވާހަކަ ދެއްކުމާއި ރީތިކޮށް ވާހަކަ ދެއްކުމުގެ މައްޗަށެވެ. އެ ދެ ގޮތުގައި ހުރި ތަފާތާއި އެއްގޮތްކަމުގެ މައްޗަށެވެ. އަދި ވާހަކަ ދެއްކުމުގައި މި ދެ އުސްލޫބަށް ރައްކާތެރިވުމުގެ މުހިންމުކަމުގެ މައްޗަށެވެ. ސަބަބަކީ މި ފަދައިން، ވާހަކަ ދެއްކުމަކީ، ދެ ފަރާތަށް މެ އުފާވެރިކަމާއި ހެޔޮ ނަތީޖާ ލިބޭ ކަމެކެވެ.

ބަހަވީން (ބަހުގެ ޢިލްމީ ތަހުލީލުތައް ކުރައްވާ މާހިރުން) ދެކެވަޑައިގަންނަވާ ގޮތުގައި އަނެކާއަށް ކަމޭ ހިތުމަށްޓަކައި މައިގަނޑު ދެ ދޮތަކަށް ބަސް ބޭނުން ކުރެވެއެވެ. ފުރަތަމަ ގޮތަކީ މާތް ބަސް ނުވަތަ Honorific ބަސްމަގެވެ. ދިވެހިބަހުގައި ހިމެނޭ ބަހުގެ ދަރަޖަ ހިމެނެނީ މިބައިގެ ތެރޭގައެވެ.

އަނެކާއަށް ކަމޭ ހިތުމަށްޓަކައި ބަސް ބޭނުން ކުރެވޭ ދެވަނަ ގޮތަކީ ރީތި ހިމޭން ބަސްމަގު ނުވަތަpolite ބަސްމަގު އިޚްތިޔާރު ކުރުމެވެ. މި ބަސްމަގަށް އަދަބުވެރި ބަސްމަގު، ނުވަތަ ތަހުޒީބު ބަސްމަގޭ ވެސް ކިޔެއެވެ. ކުރުކޮށް މި ދެ ބަޔަށް ނަމެއް ކިޔުމަށްޓަކައި މި މަޒުމޫނުގައި މި ދެ ބާވަތަށް އަޅުގަނޑު ދީފައި އެ ވާ ނަމަކީ، މާތްކޮށް ވާހަކަ ދެއްކުމާއި ރީތިކޮށް ވާހަކަ ދެއްކުމެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި، މާތްކޮށް ނުވަތަ މާތް ދަރަޖަ ބޭނުންކޮށްގެން ވާހަކަ ދެއްކުމަކީ، އޭގެ ބާވަތް ތަފާތުކަމުގައި ވިޔަސް، ހުރިހައި ޙަޟާރަތްތަކެއްގައި ވެސް އޮންނަ ކަމެކެވެ. އެއީ އެކަމުން ވެރީންނަށް، ބޮޑުންނަށް، މާތްކޮށް ހިތުމަށްޓަކައެވެ. ނަމަވެސް ޢިލްމީ ގޮތުން ބަލާއިރު، މި ނުކުތާގައި ފާހަގަ ކޮށްލެވޭ އެންމެ ޚާއްޞަ އެއްކަމަކީ، ހަމައެކަނި ދަރަޖަ ބޭނުން ކުރުމުން ނުވަތަ މާތް ލަފުޒުތަކެއް ބޭނުން ކުރުމުން އަނެކާއަށް ޤަދަރު ދެވޭ ކަމަށް ނުވާކަމެވެ. އިޙްތިރާމު ކުރެވިއްޖެ ކަމަށް ނުބެލެވޭކަމެވެ. ސަބަބަކީ އަނެކާއަށް ބޭއިޙްތިރާމު ވާ ގޮތަށް މާތް ބަހުން ނުވަތަ އެންމެ މާތް ދަރަޖަ ބޭނުން ކޮށްގެން ވާހަކަ ދެއްކޭކަމެވެ. މިއާ ޚިލާފަށް ދަރަޖަ ބޭނުން ނުކޮށް، ހަމަ އެންމެ ސާދާ ބަސްމަގު ބޭނުންކޮށްގެން ނުހަނު ކަމޭ ހިތުމާއި އިޙްތިރާމާއެކު ވާހަކަ ދެއްކެއެވެ. ހަމަ އެންމެ މުޚާޠަބު ކުރެވޭ ފަރާތުގެ ގޮތުން މި ދެ ސިފަ އެއްފަސްވެ، ޖަމާ ވާ ހާލަތު ވެސް އާދެއެވެ. ވީމާ، މި ދެންނެވި ތިން ގޮތުގެ ކުރު ތަފުޞީލެއް ހުށަހަޅައިލާނަމެވެ.

އެންމެ ފުރަތަމަ ދަރަޖައިގެ ވާހަކައިން ފަށަމާތޯއެވެ. އަޅުގަނޑުމެންނަށް އާއްމުކޮށް ވިސްނިފައި އޮންނަނީ އެންމެ މާތް ދަރަޖައިން މީހަކާ މުޚާޠަބު ކުރެވޭ ނަމަ، ވާހަކަ އެ ދެކެވެނީ އެ މީހަކަށް އިޙްތިރާމު ކޮށްގެން ކަމަށެވެ. ނަމަވެސް އިސްވެ ދަންނަވައިލެވުނު ފަދައިން ޢިލްމީ ގޮތުން ބަލާއިރު އެކަން ވަނީ އެހެނެއް ނޫނެވެ. ސަބަބަކީ ކޮބައި ތޯއެވެ!

ބަހުން ކުރެވޭ އިޙުތިރާމު ބިނާ ވެފައި އޮންނަނީ އެ ބުނި ބުނުމެއްގެ އިބާރާތްތައް އެކުލަވައިލެވިފައި ވާ ގޮތާއި އޭގެ ލަފުޒުތަކާއި ބުނެވޭ ރާގާއި މޫނުން ހާމަ ވާ ޝުޢޫރާއި މި ފަދަ އެތައް ކަމެއްގެ މައްޗަށެވެ. މިސާލަކާ މެދު ވިސްނަވައިލައްވާށެވެ! [ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ކެރިހުރެ ފާޅުގައި މި ދަންނަވަނީ، މި ރަށު ފަޅުކޮނެ ނުދެއްވައި ދެން މަނިކުފާނު މި ރަށަށް އަރައިވަޑައިގަންނަވައިގެން ނުވާނެޔޭ] މި ޖުމުލަ ހިތްޕުޅަށް ގެންނަވާށެވެ. މި ތާނގައި ވާހަކަ މި ދެއްކެނީ އެންމެ މާތް ދަރަޖައިންނެވެ. ‘މަނިކުފާނު، ވަޑައިގަތުން’ ފަދަ އެންމެ މާތް ލަފުޒުތައް ބޭނުން ކޮށްގެނެވެ. ނަމަވެސް އެ ބުނާ ބުނުމުގައި އިންޒާރު ދިނުމުގެ ރާގެއް އެބަ ހުއްޓެވެ. އަދި އެ ރަށު ފަޅު ކޮނުމުގެ މައްސަލައަކީ ސަރުކާރުން ގަސްތުގައި ލަސްކުރައްވަމުން ގެންދަވާ މައްސަލައެއްގެ ގޮތުގައި މި ބުނުން ބުނި މީހާ މާނަ ކުރާހެން ވެސް އެބަ ހީވެއެވެ. ބުނުމުގެ ރޫޙު ހުރި ގޮތުން އޭނާގެ ނުރުހުން އެބަ އިޙްސާސް ކުރެވެއެވެ. މި ދެންނެވި ސަބަބުތަކަށްޓަކައި މި ބުނުމަކީ، ބަހުގެ އެންމެ މަތީ ދަރަޖައިން ބުނެވިފައި ވާ ބުނުމެއް ކަމުގައި ވިޔަސް، އޭގައި އިޙްތިރާމު ކުރުމުގެ ސިފަ ހިމެނޭ ބުނުމެއް ނޫނެވެ. އެހެންކަމުން މިއީ ކަމޭ ހިތުމެއް ނެތި، މާތްކޮށް ދެއްކިފައި ވާ ވާހަކައެކެވެ.

ދެވަނައަށް މި ދަންނަވައިލަނީ ދަރަޖަ ބޭނުން ނުކޮށް އަނެކާއަށް އިޙްތިރާމު ކުރެވޭ ގޮތުގެ މިސާލެކެވެ. ތަހުޒީބު އަދަބުވެރި ބަސްމަގުގެ މިސާލެކެވެ. [ރައްޓެއްސެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް އުފާވާނެ މި ފަހަރު އަހަރެން އީދަށް ރަށަށް ދާއިރު އަހަންނާއެކު ސަލީމު ވެސް ރަށަށް ޖައްސައިލަދިނިއްޔާ] މި ޖުމުލައިގައި މާތް ދަރަޖަ ބޭނުން ކޮށްފައެއްނެތެވެ. ޖުމުލައިގައި ވަނީ އެދުމެކެވެ. އެދޭ ގޮތް އެހެން ގޮތަކަށް ބަދަލު ކޮށްލަމާ ތޯއެވެ؟ [އަހަރެންގެ ރައްޓެއްސެއްކަމަށް ވަންޏާ، މި ފަހަރު އަހަރެން އީދަށް ރަށަށް ދާއިރު، ސަލީމު ވެސް އަހަންނާއެކީގައި ދާން ޖެހޭނެ] މި ފަހަރު މި ވީ ކިހިނެއް ތޯއެވެ؟ އެދުން އަމުރަކަށް ވީއެވެ. ފުރަތަމަ އިބާރާތުގައި ހުރި ލުއިކަމާއި އޭގެ މާނައިގައި ހުރި ގާތްކަމުގެ ރޫޙެއް މި އިބާރާތަކު ނެތެވެ. މި ދެ މިސާލަށް ބަލާއިރު، ފުރަތަމަ މިސާލަކީ ދަރަޖަ ބޭނުން ނުކޮށް، ތަހުޒީބު ރީތި ބަސްމަގުން ރީތިކޮށް ބުނެފައި ވާ ބުނުމެކެވެ. އާދެ! އެއީ ރީތިކޮށް ވާހަކަ ދެއްކުމުގެ މިސާލެކެވެ.

ދެން އޮތީ ތިންވަނަ ގޮތެވެ. ތިންވަނަ ގޮތަކީ ދަރަޖަ ބޭނުން ކުރުމާއެކު ތަހުޒީބު ގޮތް ވެސް ބޭނުން ކުރުމެވެ. މާތްކޮށް ރީތިކޮށް ވާހަކަ ދެއްކުމެވެ. އެ ދެ ސިފަ އެއްހާލަތެއްގައި ޖަމާ ކުރުމެވެ. ފުރަތަމަ ހުށަހެޅި މިސާލު އަލުން ހަނދާނަށް ގެނެސް އެ މިސާލު އެހެން ގޮތަކަށް ބަދަލު ކޮށްލަމާތޯއެވެ؟ އެ މިސާލަކީ؛ [ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ކެރިހުރެ ފާޅުގައި މި ދަންނަވަނީ، މި ރަށު ފަޅުކޮނެ ނުދެއްވައި ދެން މަނިކުފާނު މި ރަށަށް އަރައިވަޑައިގަންނަވައިގެން ނުވާނެޔޭ] މިއެވެ. އަލުން އިބާރާތް ކުރެވޭ ގޮތް ބައްލަވާށެވެ. [އަޅުގަނޑު މި އައީ މި ރަށު ރައްޔިތުން މަނިކުފާނު އަރިހުގައި ދަންނަވައިލަން އެދުނު ވާހަކައެއް ދަންނަވައިލަން ކަމަށް. އެމީހުން އެބަ ބުނޭ ދެން މަނިކުފާނު މިރަށަށް ވަޑައިގަންނަވާ ފަހަރަކު މި ރަށުފަޅު މި އަށްވުރެ ފުންކޮށްލެވިފައި ރީތި ވިލުކުލައިގައި އޮންނާނެ ނަމަ، އެއީ ދެން ހާދަ ހިތްގައިމު، ބަލާހިތް ވާ މަންޒަރަކަށް ވާނެޔޭ. ކައިރި މުސްތަޤުބަލެއްގައި އެ ދުވަސް ދުށުމުގެ އުއްމީދުގައި ތިބީމޭ] މި އެވެ. ނަމަވެސް މިއީ އެ އިބާރާތް ރަނގަޅު ކުރެވޭނެ ހަމަ އެކަނި ގޮތެއް ނޫނެވެ. މިހައި ފަށުއިކޮށް ނޫނަސް، މި އަށްވުރެ ކުރު ސީދާ، ތިލަ އިބާރާތަކުން ވެސް ބުނެވިދާނެއެވެ. އެހެނީ މި ފަދަ އަދަބުވެރި ތަހުޒީބު ރީތި ގޮތްތައް ވާހަކައަށް ގެނައުމަށްޓަކައި އެތައް ގޮތަކަށް އިބާރާތްތައް އުފެއްދޭނެ ޤާބިލުކަން ކޮންމެ ބަހެއްގައި ވެސް ވެއެވެ. ދެން އެ ޤާބިލުކަން ލިބެން ޖެހެނީ އެ ބުނުމެއް ބުނާ މީހާއަށެވެ. އޭރުން ރީތިކޮށް މާތްކޮށް ބުނެވޭނެ ހާސް އިބާރާތް އީޖާދުވެގެން އަންނާނެއެވެ. އިސްވެ ދަންނަވައިލެވުނު މިސާލު ފަދައިންނެވެ. އާދެ! އެ ވާހަކަ އެ އިއްވަނީ ރައީސުލްޖުމްހޫރިއްޔާގެ ކަންފަތްޕުޅަށެވެ. އެހެން ކަމަށް ވާތީ، މި ތާނގައި މި ވަނީ، މާތްކޮށް ވާހަކަ ދެއްކުމާއި ރީތިކޮށް ވާހަކަ ދެއްކުމާ މި ދެ ސިފަ އެކުއެކީގައި ހިމަނައިފައެވެ. މާތްކޮށް ހިތުމާއި އިޙްތިރާމު ކުރުމުގެ ގޮތުންނެވެ.

މަތީގައި ވާ ބަދަލު އެ ޖުމުލަޔަށް ގެނައިމާ، މިހާރު އަމުރުވެރި ފާޑެއް ވެސް ނެތެވެ. އުފާވެރި، ބަލައިގަނެވޭ ގޮތެއް އެބަ ހުއްޓެވެ. މި އުސްލޫބަށް އިބާރާތްތައް އެކުލަވައިލުމުގައި އަބަދު ވެސް އިސްކަން ދެނީ އަމުރުވެރިކަމާއި ބާރުވެރިކަމުގެ ރޫޙު އެކުލެވޭ ހެން ބަސްމަގު ނުބެހެއްޓުމަށެވެ. މިވެނި ކަމެއް އޮންނާންވާނީ މިވެނި ގޮތަކަށޭ ބުނެ، އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި މި ވެނިކަމެއް މި ވެނި ގޮތަކަށް އޮތުން ވަރަށް އެދެވެޔޭ ނުވަތަ އެހެން އޮތް ނަމަ ހާދަ ރަނގަޅޭ ހިތަށް އަރަޔޭ މި ފަދަ ގޮތަކަށް އިބާރާތްތައް ނިންމިދާނެއެވެ. ނަމަވެސް ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި ހުރިހައި ވަގުތެއްގައި މި އުސްލޫބު ބޭނުން ނުކުރެވޭނެކަން ވެސް ހަނދުމަފުޅުގައި ބަހައްޓަވާތި އިނގޭ ތޯއެވެ!

ކޮންމެޔަކަސް، މި ފަދަ ބަދަލު ގެނައުމުގެ ބޭނުމާ މެދު ވިސްނައިލުން މުހިންމެވެ. އެ ކަމަށްޓަކައި އެންމެ ފުރަތަމަ، ވާހަކަ ދެއްކުމުގެ ބޭނުމާ މެދު ވިސްނާލަމާ ތޯއެވެ. ތިބާ ކިތަންމެ ވާހަކައެއް ދެއްކެވިޔަސް، އަހާ ފަރާތުގެ ޝައުޤާއި ރުހުން އެކަމަށް ނުލިބޭ ނަމަ، ތިބާ އެދޭ ނަތީޖާ ޙާޞިލު ނުވެދާނެއެވެ. މުވާޞަލާތެއް ކުރަނީ އެއިން ނަތީޖާއެއް ނެރުމުގެ ބޭނުމުގައެވެ. އެހެންކަމަށް ވާ ނަމަ، ވާހަކަ އަހާ ފަރާތުގެ ހިތް ފަތަޙަ ކުރުން މުހިންމު ވާ ޙާލަތު ވަރަށް ގިނަ ވާނެއެވެ. އަހާ ފަރާތުގެ ހިތް ފަތަޙަ ކުރެވިއްޖެ ނަމަ، ތިބާގެ މެސެޖުތައް ތިބާ ބޭނުން ވާ ގޮތަށް އެ ހިތަށް ވާޞިލުވާނެއެވެ. ނަތީޖާއަކަށް ވާނީ ތިބާގެ މަޤުޞަދު ޙާޞިލުވުމެވެ. ހުށަހެޅޭކަންކަން ފުދުމުގެ މަގު ފެނުމެވެ. ސަބަބަކީ އޭރު ތިބާ ވާނީ އެ ފަރާތުން ބަލައިގެންފައި ވާ، އެ ފަރާތުގެ ޝައުޤާއި ތަރުޙީބާއި އިތުބާރު އޮތް މީހަކަށެވެ. އެއީ ދަރިފުޅުކަމަށް ވިޔަސް، އަނބިމީހާ ނުވަތަ ފިރިމީހާކަމަށް ވިޔަސް، ނުވަތަ އަދި އެ ނޫން ފަރާތެއް ކަމަށް ވިޔަސްމެއެވެ.

ބަހުގެ ޢިލްމީ ޙަޤީޤަތަކީ މިއީ ކަމަށްވެފައި، ރީތިކޮށް މާތްކޮށް ވާހަކަ ދެއްކުމުގެ އަހައްޔަމިއްޔަތުގެ ބޮޑުކަން މިހެން ހާމަ ވާ އިރު، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އާވާ ހަނދާނެއް ވެސް ހިއްސާކޮށްލާ ހިތްވެއެވެ. އެއީ ކީރިތި ޤުރުއާން ކިޔަވަމުން، އާޔަތްތަކުގެ މާނަޔާމެދު ވިސްނަމުން ދާ އިރު، މި ރޮނގުން އެ އާޔަތެއްގެ މައްޗަށް ވިސްނުމުގެ ނަޒަރު ހުއްޓައިލެވޭ އާޔަތެކެވެ. ތިރީގައި އެ ވާ މި ދެންނެވި އާޔަތުގައި ދެއްވައިފައި ވާ އިރުޝާދާ މެދު ވިސްނައިވަޑައިގަތުމުން ކުރެއްވޭ އިޙްސާސަކީ، ދޭހައަކީ ކޮބައި ތޯއެވެ؟

ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ)سورةالنحل : 125) حكمةއާއި ރިވެތި وعظއާއެކު ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް ކަލޭގެފާނު ގޮވައިލައްވާށެވެ. އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލު ކުރައްވާށެވެ. (ތަރުޖަމާ؛ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008).

ކޮންމެޔަކަސް، ބަހަވިއްޔާތު (linguistic science)ގެ މި ޒަމާނުގެ މަޝްހޫރު ފިލޯސަފަރެއްކަމުގައި ވާ ނޯމް ޗޮމްސްކީ ވިދާޅުވާ ގޮތުގައި މީހަކަށް މާތްކޮށް ހިތައި އިޙްތިރާމާއެކު ވާހަކަ ދެއްކުމުން އުފުލިގެން ދަނީ ހަމައެކަނި އެ ވާހަކަ ދެކެވޭ ފަރާތުގެ ޤަދަރެއް ޢިއްޒަތެއް ނޫނެވެ. ކީއްތޯއެވެ؟ ވާހަކަ ދައްކާ މީހާގެ ޤަދަރާއި ޢިއްޒަތް ވެސް އުފުލިގެން ދެއެވެ. މިއީ ބަހުގެ ސައިންސް މި ކަމުގައި ނެރެދީފައި ވާ ސާބިތު ނަތީޖާއެކެވެ.

ވީމާ، އަޅުގަނޑުމެން ސާދާ ބަސްމަގުން ވާހަކަ ދައްކާ ތަނެއްގައި އެ ބަސްމަގުން ވާހަކަ ދެއްކިޔަސް، ދަރަޖަ ބޭނުން ކޮށްގެން ވާހަކަ ދައްކާ ތަނެއްގައި އެ ބަސްމަގުން ވާހަކަ ދެއްކިޔަސް، ނުވަތަ އަދި ލިޔުނަސް، އެ ވާހަކައިގެ ރާގާއި، ލަފުޒުތަކާއި އިބާރާތްއެކުލަވައި ހުށަހަޅާ ގޮތުގައި މި ދެންނެވި އުސްލޫބު އިޚްތިޔާރު ކުރުމަކީ، ދިރުވަން ޖެހޭ ހާދަހައި ވާ ބޭނުންތެރި މާތް އަޚުލާޤެކޭ ހިތަށް އަރައެވެ. ކަންކަމަށް އެދުމުގައެވެ. ޖަވާބު ދާރީވުމުގައެވެ. ބަހުސު ކުރުމުގައެވެ. ނަސޭހަތްތެރިވެ އިރުޝާދު ދިނުމުގައެވެ. ކަންކަމާ މެދު، ތިމާގެ ރައުޔާއި ޚިޔާލުފާޅު ކުރުމުގައެވެ. ދުނިޔޭގެ ކޮންމެ ޙަޟާރަތެއްގައި ވެސް، ކޮންމެ ޒަމާނެއްގައި ވެސް ގޮތްހުރި،ތަހުޒީބު އިންސާނުން އަމަލު ކުރަމުން އަންނަ ގޮތަކީ މިއެވެ.

ވަގުތު އިންލައިން

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *