މަޝްހޫރުވުމުގެ ކުރިން: އަޒޫ

ބޮޑު ސްކްރީނަށް އޭނާ އެނބުރި މި އައީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. އެކަމަކު 24 ގަޑިއިރަކަށް ނޫނެވެ. ފިލްމީ ދާއިރާގައި އުޅެމުން ޓީޗިން ކޯހެއް ފުރިހަމަކުރިޔަސް އެ ދާއިރާ އިން ވެސް ކުރިއަށް ދިއުމުގެ ހިޔާލެއް އޭނާގެ ނެތެވެ.

އެހެންވީމަ ކުރިއަށް އޮތީ އަދިވެސް ބޮޑު ސްކްރީނުގެ ހިތްގައިމުކަމެވެ.

މިއީ ފާތިމަތު އާޒިފާ (އަޒޫ) ނުވަތަ ބޮޑު ސްކްރީނުގެ މަޝްހޫރު ނަމުން ނަމަ އަރީކާގެ ވާހަކަ އެވެ. ފިލްމު “ލޫދިފާ” އިން “އަރީކާ” ނަމަކަށް ކިޔާ ލަދުރަކި ތުއި އަންހެން ކުއްޖެގެ ރޯލުން ބެލުންތެރިންނާ ބައްދަލުވިޔަސް އަސްލު ދިރިއުޅުމުގައި އަޒޫ އާއި އަރީކާއާ އެއްވެސް ގުޅުމެއް ނެތެވެ.

އެހެންވީމަ އެ ވާހަކަ އާއި ފިލްމު “24 ގަޑިއިރު” ގެ ވާހަކަ އެއް ފަރާތްކޮށްލުމަށް ފަހު، އަޒޫގެ ވާހަކަ އެވެ.

*** *** ***

ތާޖުއްދީނުން ގިޔާސުއްދީނުން އައްޑޫ ހިތަދޫ ސްކޫލުން ގޮސް އެންމެ ފަހުން އަމީނިއްޔާ ސްކޫލުން ކިޔެވުން ނިންމާލި އަޒޫ އަކީ އެންމެ ކުޑައިރު ވެސް އެކްޓަރެކެވެ. ގޭގައި އެކަނި ހުރެގެން ވެސް އެކްޓްކޮށް އުޅުނު، ސަކަރާތުގައި އަވަދިނެތި އުޅުނު ހަލަބޮލި އަންހެން ކުއްޖެކެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ވެސް އޭނާ އަކީ ލީޑަރެވެ. ގޭތެރޭގައި އޭރު އެކުގައި އުޅުނު “ކުދި ބޮއްތަކާ” އެކު ލަވަކިޔަމުން ނެގި ފޯރި ސްކޫލްގެ ލަވަ މުބާރާތްތަކާ ހަމައަށް ވެސް ގެންދިޔަ އެވެ. ޓީވީއެމުން އޭރު ދައްކާ ލަވަތައް ވީޑިއޯ ޓޭޕްތަކަށް ރިކޯޑްކޮށްގެން އެ ލަވަތަކާ އެއްވަރަށް ލަވަކިޔައި ނެށުމަކީ ވެސް އޭރު އޮތް ފޯރިއެކެވެ.

0_1409378914140806181115_29_news

“ކުޑައިރު އޭރު ގޭތެރޭގައި އުޅޭއިރު ވަރަށް އެކްޓްކުރާ މީހެއް އަޅުގަނޑަކީ. އޭރުގަ އެކުގައި އުޅޭނީ މުޅިން ވެސް އާއިލާގެ ކުދި ބޮއްތަށް. ދެން އަހަރެމެންގެ ކަމަކަށް އޮންނާނީ ‘ލޯބި މަންމީ ބުނަން ކޮއްކޮ ލޯބިވާނަމޭ’ ލަވަ އަށް އެކްޓްކުރުން. އެ ލަވަ އެންމެ ހިތާމަވެރި ގޮތަކަށް ހުށަހަޅައި ދެވޭނީ ކާކަށްތޯ ބެލުން،” ގްރޭޑް ހަތަރެއްގައި އުޅުނު ހިސާބުގައި ނެގި ފޯރިތަކުގެ ކުލަ ހަނދާންތައް އަޒޫ ގެނަ އެވެ.

“އޭރު ލަވަތަކަށް ނެށުމަކީ ވެސް ވަރަށް ފޯރިއާ އެކު ކުރި ކަމެއް. ކަމުދާ ލަވައެއް ވެއްޖެއްޔާ އަބަދުވެސް އެ ލަވައަކަށް ޑާންސްކުރެވޭ. އަދި އެކަނި ހުންނައިރު ވެސް ބައެއް ފަހަރު އެކްޓްކުރެވޭ. މީހަކު ކައިރީގައި ހުންނަ ކަމަށް އިމޭޖުކޮށްލައިގެން.”

އޭނާ ބުނީ އޭރު ދުވަހުގެ ބޮޑު ބައި ނިމިގެން ދަނީ މިކަހަލަ ގޮތަކަށް ކަމަށެވެ. ޓީވީން ދައްކާ ލަވަތައް ރިކޯޑްކޮށްގެން އެއަށް ދެވި ހިފުމުން އޭރު އޭނާ ނިދަން އެނދަށް އަރަނީ ވެސް މަންމަ އިލޮށިފަތި ހިފައިގެން ފަހައިގަތުމުންނެވެ. ގަދަކަމުންނެވެ. ނަމަވެސް ދެން ވެސް އޭނާގެ މި ޝައުގުވެރިކަން ހިފެހެއްޓޭ ގޮތެއް ނުވި އެވެ.

ގޭގެ ސިޓިންރޫމްގައި ޑާންސްކުރަމުން ގޮސް އޭނާ ބަދަލުވީ ޑާންސް ލީޑަރަކަށެވެ.

0_1409379013101216101359_24_news

 

ލަވަ ބެލުމާއި ޑާންސްކުރުން އެކަންޏެއް ނޫނެވެ. ލަވަތައް ލިޔެގެން މޮނީޓަރު ފޮތްފޮތުގައި ރައްކާކޮށްގެން ގެންގުޅުމަކީ ވެސް އަޒޫ ނިކަން ލޯބިން ކޮށް އުޅުނު ކަމެކެވެ.

“ރީތި ލަވައެއް އަޑު އިވޭ އިރަށް ގަނޑެއް ހޯދާލައިގެން އަވަހަށް އެ ލަވައެއް ލިޔެލާނީ އެންމެ ފުރަތަމަ ވެސް. ދެން އެ ލަވައެއް ކިޔާކިޔާ އޮންނާނީ ދަސްވެފަ،” އުމުރުން 25 އަހަރުގެ ބަތަލާ ބުންޏެވެ.

“އެގޮތަށް އޭރު ގެންގުޅުނިން ދެ ތިން މޮނީޓަރު ފޮތް މުޅިން ލަވަ ލިޔެގެން. މިހާރު ވެސް އެބަ އޮތް އެއް ފޮތް. ހިންދީ ލަވަ އާއި ދިވެހި އިނގިރޭސި ލަވަ ވެސް ހުންނާނެ އޭގައި.”

އޭނާ ބުނީ އޭރު ހިތާވެގެން އުޅުނު ކުދިން ފޮނުވާ މެސެޖުތައް ވެސް ފޮތްފޮތުގައި ނޯޓްކޮށްފައި ބަހައްޓާ ކަމަށެވެ.

“ހަމައެކަނި ލަވައެއް ނޫން އެގޮތަށް ފޮތްތަކުގައި ލިޔެގެން ގެންގުޅެނީ. މިސާލަކަށް ބޯއިފްރެންޑް ފޮނުވަނީ މެސެޖެއް، ފްރެންޑަކަށް މި ފޮނުވަނީ މެސެޖެއް. އެގޮތަށް ފޮނުވާފަ ހުންނަ ހުރިހާ މެސެޖުތަކެއް ވެސް ހުންނާނެ ވަކިވަކިން ފޮތްފޮތުގައި ލިޔެފައި،” އަޒޫ ބުންޏެވެ.

“އެގޮތަށް މީހަކު ފޮނުވާ އެންމެ އާދައިގެ އެންމެ ކުރު މެސެޖުތައް ވެސް ހުންނާނެ ފޮތުގައި ލިޔެފައި. ރޭގަނޑު އޭރު ކަމަކަށް އޮންނާނީ މި ފޮތްތައް ލިޔުން،” އަޒޫ ބުންޏެވެ.

އޭނާ ބުނީ ލޯބިވެރިން ފޮނުވާ މެސެޖުތަކުން ފުރާލާފައިވާ ފޮތްތައް ވަރަށް ވެސް ބޯވާނެ ކަމަށާއި އެއީ ހަމައެކަނި އޭނާ އަށް ހާއްސަ ފޮތްތަކެއް ކަމަށެވެ.

0_1409379096140830102526_70_news

މިހާ ހިސާބުން އަދި މި ކަންތައް ނިމުނީކީއެއް ނޫނެވެ. ހުވަފެނެއް ފެނުނަސް އޭރު އޭނާ ދިޔައީ މި ފޮތްތަކުގައި ރިކޯޑްކުރަމުންނެވެ.

“އެގޮތަށް އެއް ދުވަހަކު ފެންނަނީ މާމަގެ މަހާނަ. ބައިވަރު ނޫރުތަކެއް އެޅިފަ، ވަރަށް އެހެން ކަހަލަ ހުވަފެނެއް އެއީ. އެ ހުވަފެން ވެސް އޮންނާނެ ލިޔެފަ،” ޝައުގުވެރިކަމުގެ ތެރެއިން އަޒޫ ކިޔައިދިނެވެ.

“ލޫދިފާ” އިން އަދި މިހާރު “24 ގަޑިއިރު” އިން މަޝްހޫރުވިޔަސް އޭނާ އަކީ މި ރޯލުތަކަށް ވުރެ މާ މަޝްހޫރު އުފެއްދުންތަކުން ބެލުންތެރިންނާ މާ ކުރިން ބައްދަލުކޮށްފައިވާ މޫނެކެވެ.

“ފުރަތަމަ ފުރުސަތު ލިބުނީ ޔޫސޭގެ ދިރިއުޅުމަކީ މިއީބާ އިން. އެ ޗާންސް ލިބުނު ގޮތަކީ އެއް ދުވަހަކު ފެން ބަލާ ގޮސްފައި ގެއަށް ދަނިކޮށް މަގުމަތިން ޔޫސޭބެއާ ދިމާވެގެން އެހީ ފިލްމު ކުޅެން ބޭނުންވޭހޭ. ކޮން ގެއެއްގެ ކުދިންތަކެއް ހެއްޔޭ؟ ދެން ގޭގެ ނަން ބުނާ ތަނުން ހުރިހާ ކަމެއް ހަމަޖައްސައިފި،” މަޝްހޫރު ދިރިއުޅުމަކީ މިއީބާ އިން ކުޑައިރު ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން އަޒޫ ބުންޏެވެ.

“އެއީ ލަވަ ކިޔާ ޑްރާމާއެއް. އޭގައި އުޅޭނެ އަހަރެމެންގޭގެ ހުރިހާ ކުދިންތައް. އެ ހިސާބުން ޝައުގު އުފެދެން ފެށީ ބޮޑަށް އެކްޓްކުރަން.”

ބޮޑުވެގެން ވެސް އެންމެ ފުރަތަމަ އޭނާ ކުޅުނީ “ދިރިއުޅުމަކީ މިއީބާ؟” ގެ ޑްރާމާއެކެވެ.

އެއަށް ފަހު ދެން ލަވަތަކާއި ޑްރާމާތަކާއި ފިލްމުތަކުން ފުރުސަތު ލިބެން ފެށީ އެވެ. އޭގެ ކުރިން އޭނާ އެކި ފިހާރަތަކުގައި ވެސް މަސައްކަތްކުރި އެވެ.

ކުދި ރޯލުތައް ކުޅެމުން ކުރިއަށް ދަނިކޮށް އޭނާގެ އަތުގައި “ލޫދިފާ” ގެ ޑައިރެކްޓަރު މޫމިން ފުއާދު ހިފި ހިސާބަކީ ނަސީބު ވެސް އެ އަތުގައި ހިފި ހިސާބެވެ. އެ ފިލްމުގައި ދެއްކި މޮޅު ހުނަރާ އެކު ދާއިރާގެ އެންމެ ކުރިއަށް އޭނާ ޖެހިލީ އެވެ.

އޭނާ ލީޑް ރޯލު ކުޅެފައިވާ “24 ގަޑިއިރު” ގެ ޝޯތައް ކުރިއަށްދާއިރު އަބްދުލް ފައްތާހުގެ “އާދޭސް” އިން ވެސް ބެލުންތެރިންނާ ބައްދަލުކުރާނެ އެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *