މަސްވެރިން ޖޯޝާ އެކު މަހަށް ނުކުތުމަށް ފިޝަރީޒް މިނިސްޓްރީން އެދިއްޖެ

މި ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށް ނަމަވެސް ރާއްޖޭގައި މަސްވެރިކަން ރަނގަޅުވަމުންދާތީ މަސްވެރިން ޖޯޝާ އެކު މަހަށް ނުކުތުމަށް ފިޝަރީޒް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވަމުން ދާތީ މަސްވެރިންގެ ސަމާލުކަމަށް އެކަން ގެނައުމަށް ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި މި ދުވަސްވަރު މަހުގެ އަގު ދަށް ނަމަވެސް ރާއްޖޭގެ މަސްވެރިކަން މި ދުވަސްވަރު އަންނަނީ ރަނގަޅުވަމުންނެވެ.

“€œ… ކުންފުނިތަކުގެ ފައިދާ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަކާއި އެ ކުންފުނިތަކަށް މަސް ގަންނަ ލިބޭ މިންވަރަކަށެވެ. އެހެންކަމުން ބޭރުގެ ބާޒާރުގައި މަހުގެ އަގު ދަށްކޮށް ހުރި ދުވަސްވަރު މަހުގެ އަގު މިހާރު ހުރި މިންވަރުގައި ކުންފުނިތަކަށް ހިފެހެއްޓޭނީ ގިނައިން މަސް ލިބި އެ މަސް އެކްސްޕޯޓް ކުރެވޭ ނަމަ އެވެ. އެހެންނޫންނަމަ ކުންފުނިތަކުގެ އޮޕަރޭޝަންގެ ހަރަދު ބޮޑުވެ ކުންފުނިތަކަށް ގެއްލުން ބޮޑުވެ މަހުގެ އަގު ދަށްކުރުމަށް ކުންފުނިތަކަށް މަޖުބޫރުވާނެ އެވެ،” ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މަހުގެ އަގު މިހާރު ހުރި ވަރަށް ވުރެ ދަށަށް ހިނގައްޖެނަމަ މަސްވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ވެސް އެކަމުގެ ގެއްލުން ފޯރާނެ ކަމަށާއި އެހެންކަމުން ކަޅުބިލަމަހުގެ ސިނާއަތަށް އަތުވެދާނެ ލޮޅުމަކުން ސަލާމަތް ކުރުމަށްޓަކައި ވީހާ ވެސް ގިނަ އުޅަނދުފަހަރެއް މަހަށް ނުކުތުން މުހިންމު ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭން ބާނާ މަހުގެ 80 ޕަސެންޓް އެކްސްޕޯޓްކުރާ ތައިލެންޑުގެ ބާޒާރުގައި ވޭތުވެދިޔަ ދެ ހަފުތާގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މީގެ ހަފުތާއެއް ކުރިން 1،800 ޑޮލަރަށް ހުރި ކަޅުބިލަ މަސް ޓަނެއް 1،650 ޑޮލަރަށް އަގު ތިރިވުމަށް ފަހު، މިހާރު 1،550 ޑޮލަރަށް ދަށްވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ މަސްވެރިން މަހަށް ނުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަނދުފަތި އެޅުމަށް އެ މިނިސްޓްރީގެ އުޅަނދުތައް ފުރާފައިވާ ކަމަށެެވެ.

 

ހަވީރު އޮންލައިން

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *