ވޯލްޑް ކަޕްގެ ނާކާމިޔާބަށްފަހު ކުޅުނު ފުރަތަމަ މެޗުން ވެސް ސްޕެއިން ބަލިވެއްޖެ

ބްރެޒިލްގައި މިއަހަރު ބޭއްވި ވޯލްޑް ކަޕްގައި ލިބުނު ނާކާމިޔާބަށް ފަހު ސްޕެއިން ގައުމީ ޓީމުން ކުޅުނު އެކުވެރި ކަމުގެ ފުރަތަމަ މެޗުގައި ރޭ ފްރާންސް އަތުން 1-0 ލަނޑުން ބަލިވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި ކަރީމް ބެންޒެމާއަށް މެޗުގެ ނަތީޖާ ބަދަލުކޮށްލަން ލިބުނު ރަނުގެ ފުރުސަތު ބޭކާރުވީ، އޭނާ ބޯޅަ ފޮނުވާލިއިރު އޮފްސައިޑުގައި ހުރިކަމަށް ރެފްރީ ދެއްކުމުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެތިއު ވަލްބުއެނާ ތަނަވަސްކޮށްދިން ފުރުސަތަކުން 72 ވަނަ މިނިޓްގައި ފްރާންސަށް ކާމިޔާބުކޮށްދިނީ، ނިމިދިޔަ ޓްރާންފާގައި 10.1 މިލިއަން ޕައުންޑަށް އިނިގިރޭސިވިލާތުގެ ޗެލްސީއާ ގުޅުނު ފޯވާޑް ލޮއިކް ރެމީއެވެ.

ސްޕެއިން ޓީމަށް ރޭގެ މެޗުގައި ފްރާންސް ގޯލަށް ނުރައްކާވާފަދަ ރަނގަޅު އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވާއިރު، ޑެލްބޮސްކޭގެ އިރުޝާދުގެ ދަށުން ކުޅުނު ސްޕެއިންގެ ޒުވާން ޓީމުގައި، އެޓީމުގެ ރަންޖީލަށް ނިސްބަތްވާ ތިބީ ސެސް ޕެބްރިގާސް، ސާޖިއޯ ބުސްކޭޓްސް އަދި ސާޖިއޯ ރާމޯސް ފަދަ ދެތިން ކުޅުންތެރިއެކެވެ. ފްރާންސްގެ ޑިފެންސް ލައިން ފޫއަޅުވާލުމަށް ފަބްރިގާސް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އޭނާއަށް ރަނގަޅު ސަޕޯޓެއް ނުލިބުމުން ފްރާންސް ޓީމުން އޭގެ ފައިދާ ނެގީއެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނުކުތް ފްރާންސްގެ ވަރުގަދަ ސްކޮޑާ ދެކޮޅަށް ސްޕެއިން ރޭ ނުކުތްއިރު އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ޑޭވިޑް ވިޔާ ފަދަ މުޙިއްމު ކުޅުންތެރިންތަކެއް ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ވުމަކީ ޑޭލްބޮސްކޭއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

“މިހާރު މި ދަނީ ޓީމެއް އަލުން އެކުލަވައިލުމުގެ ފިޔަވަހި،” ސްޕެއިން ކޯޗު ބުންޏެވެ. “އަހަރެންގެ ކުޅުންތެރިން ދެއްކި ހިތްވަރު އަހަރެން ފާހަގަކުރަން. ތެދެއް. އަހަރެމެންނަށް ލަނޑު ޖަހާނޭ ސާފު ފުރުސަތެއް ތަނަވަހެއް ނުކުރެވޭ. އެކަމަކު އަހަރެމެން ވެސް އެޓީމަށް ނުރައްކާ ކުރިން.”

ފްރާންސް ކޯޗު ޑިޑިއާ ޑިޝަމްޕްސް ބުނީ، ޑެލް ބޮސްކޭއަކީ މޮޅު ކޯޗެއް ކަމަށާއި އެހެން ނަމަވެސް ސްޕެއިން ޓީމުގެ މެދުތެރެއަށް ކުޅުނު މުހިއްމު ދެ ކުޅުންތެރީން ކަމަށްވާ ހަވިއާ ހެނާންޑޭޒާއި ޒާބީ އޮލޮންސޯ ފަދަ ކުޅުންތެރިން ރިޓަޔާކުރުމަކީ ވެސް ޑެލްބޮސްކޭއަށް ލިބުނު ފޫ ބައްދަން ދަތި ގެއްލުމެއް ކަމަށެވެ.

“އެ ކުޅުންތެރީންނަކީ ލޯމަރައިގެން ތިބެވެސް އެކަކު އަނެކަކަށް ހަމަޖެހިލައިގެން ޕާސްތައް ހަދާލެވޭ ވަރު ކުޅުންތެރީން،” ފްރާންސް ކޯޗު ބުންޏެވެ.

ޔޫރޯ 2016ގެ ކޮލިފައިންގައި އަންނަ ހޯމަ ދުވަހު މެސެޑޯނިއާ އާ ދެކޮޅަށް ސްޕެއިން ނުކުންނައިރު، ޑެލްބޮސްކޭއަށް އޭނާގެ ޓީމުގެ އާ “ބައްޓަން” ހަމައަކަށް އަޅުވާލަން އޮތީ މަދު ވަގުތުކޮޅެކެވެ.

 

=ސަން އޮންލައިން=

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *