އަބަދު އިށީނދެގެން އިނުމަކީ މައްސަލައެއް!

އޮފީހުގައި މަސައްކަތް ކުރާ މީހުން ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް ގަޑިއިރު ކޮޅަށް ހުރެގެން މަސައްކަތް ކުރަން ޖެހެ އެވެ. އާދަޔާޚިލާފަށް ފަލަވުމާއި ހިތުގެ ބަލިތަކުން ސަލާމަތްވުމަށް މި ނޫން ގޮތެއް ނެތް ކަމަށް މަޝްހޫރު ސިއްހީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ޕްރޮފެސަރެއް ކަމަށްވާ ކެވިން ފެންޓަން އިންޒާރު ދެއްވި ގޮތުގައި ދުވާލަކު ހަ ގަޑިއިރު ނުވަތަ ހަތް ގަޑިއިރު އޮފީހުގެ މޭޒު ދޮށުގައި އިށީނދެގެން އިނުމުން، ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތައް ހަށިގަނޑަށް ލިބެ އެވެ.

އަބަދު އިށީނދެގެން އިނުމުގެ ބަދަލުގައި އިރުކޮޅަކުން ތެދުވެލާ ހިނގާލާ އަދި ބައްދަލުވުންތަކުގައި ވެސް އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ތިބެގެން ބައެއް ބައްދަލުވުންތައް ބޭއްވުން ފަދަ ކަންތައް ކުރުމަކީ ހިފަން ރަނގަޅު އާދައެއް ކަމަށް އޭނާ ލަފާ ދެއްވި އެވެ. އަދި ކޮފީ އަށާއި ކެއުމަށް ހޭދަ ކުރާ ވަގުތު ވެސް ކޮންމެވެސް ވަރަކަށް ކޮޅަށް ހުރެގެން ހޭދަ ކުރުން ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ފެންޓަން ވިދާޅުވީ ކެންސަރާއި ހިތުގެ ބަލިތައް އަދި ނަފްސާނީ ބަލިތަކަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ވީހާވެސް ހަރަކާތްތެރި ދިރިއުޅުމެއް ޚިޔާރު ކުރުން ކަމަށެވެ. “މުއުޖިޒާތެއް ފަދަ ފަރުވާއެއް” އެއްވެސް ބައްޔަކަށް ބޭނުންނަމަ އެ ފަރުވާއަކީ ގިނަގިނައިން ހެލިފެލިވެ އުޅޭ ހަށިގަނޑެއްގެ ވެރިއަކަށް ވުމެވެ.

ޕްރޮފެސަރު ފެންޓަން ވިދާޅުވީ ލިފްޓްގެ ބޭނުން ކުރުމުގެ ބަދަލުގައި ވީހާވެސް ގިނައިން ސިޑިން އަރަން އާދަކުރުމަކީ ވެސް ސިއްހަތަށް މާ ފައިދާހުރި ގޮތެއް ކަމަށެވެ.

އިނގިރޭސިވިލާތުން ދާދިފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކެއް ދައްކާ ގޮތުން އެ ގައުމުގެ މީހުންގެ ތެރެއިން 40 ޕަސެންޓަށް ވުރެ ގިނަ އަންހެނުންނާއި 33 ޕަސެންޓް ފިރިހެނުން ހަފުތާއަކު ފަސް ދުވަހު މަދުވެގެން 30 މިނިޓްއިރު ކަސްރަތު ކުރަން އެ ގައުމުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަކަށް އަމަލެއް ނުކުރެ އެވެ.

މީގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި އަންހެނުންނާއި ތިން ބައިކުޅަ އެއްބައި ފިރިހެނުން އެއްގޮތަކަށް ވެސް ހެލިފެލިވެއެއް ނޫޅެ އެވެ. މި ކެޓަގަރީގައި ހިމަނާފައިވަނީ ހަފުތާއެއްގެ ތެރޭގައި އެންމެ 30 މިނިޓެއް ހާއިރު ވެސް ކަސްރަތު ނުކުރާ މީހުންނެވެ.

ހާވަޑް އެކަޑަމިކްސް އިން ބުނާ ގޮތުގައި ގިނަ ވަގުތުތަކެއްގައި އިށީނދެގެން އިނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ސިއްހަތަށް ލިބޭ ގެއްލުމާ އެއްވަރުގެ ގެއްލުމެއް އިންސާނާގެ ހަށިގަނޑަށް ލިބޭނެ ކަމެކެވެ. ސަބަބަކީ ދުނިޔޭގެ ގައުމުތަކުގައި ކުއްލިއަކަށް މަރުވާ މީހުންނާ މިކަމާ ސީދާ ގުޅުން ހުރީމަ އެވެ.

ޕްރޮފެސަރު ފެންޓަން ފާހަގަކުރެއްވިގޮތުގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ މީހުން ވެސް މިހާރު އުޅެނީ ވަރަށް ހަރަކާތްތެރި ނޫން ދިރިއުޅުމެކެވެ. އެމީހުން އާދަކުރާ ވަޒީފާގެ ސަބަބުން ހަރަކާތްތެރި ދިރިއުޅުމެއް އުޅެން އުނދަގޫވީމަ އެވެ.

“އަހަރެމެންގެ ތެރެއިން ގިނަ މީހުން މިހާރު ގިނަ ވަގުތު ހޭދަކުރަނީ ކޮމްޕިއުޓަރު ކައިރީގައި،” އޭނާ ވިދާޅުވި އެވެ.

އަހަރެމެން މި އިންތިޒާރު ކުރަމުންދާ “މުއުޖިޒާތެއް” ފަދަ ފަރުވާއަކީ ހަށިގަނޑަށް ވީހާވެސް ބޮޑަށް ހަރަކާތްތައް އިތުރުކުރުންކަން ދަންނަނީ މަދު ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަރުދަން އިތުރުވިޔަ ނުދިނުމަށާއި އެކި ވައްތަރުގެ ކެންސަރުން ދިފާއު ވުމަށް އަދި ސިކުނޑި އާއި ހިތުގެ ބަލިތަކުން ސަލާމަތްވެ ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމުގެ ސިއްރަކީ އެ މީހެއްގެ ހަރަކާތްތެރި ދިރިއުޅުމެވެ.

“އިށީނދެގެން އަބަދު އިނުމަކީ މައްސަލައެކެވެ. ބައެއް ސައިންސްވެރިންގެ ނަޒަރުގައި އިށީނދެގެން އިނުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހަމަހަމަ އެވެ. ދެ ކަމުގެ ވެސް ނުރައްކާ އެއްވަރެވެ. އަހަރެން އަދި އެހާ ހިސާބަށް ކަންތަކެއް ނުގެންދަމެވެ. ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ މީހުން އެއަށް ދެވި ހިފާ ކަމަކަށް ވެފައި އިށީނދެގެން އިނުމަކީ ދެވި ހިފާ ކަމަކަށް ނުވާތީ އެވެ،” ޕްރޮފެސަރު ވިދާޅުވެފައި ވެއެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ މިހާރު ހަމަ އިން ތަނުގައި އެއްވެސް ހަރަކާތެއް ނެތި އެތައް ގަޑިއެއްގެ އިރު ތިބޭ މީހުން ކަމެވެ.

ކޮޅަށް ހުރުމުން މީހާގެ މައިބަދަ ތެދުވެ އޭނާގެ ހަށިގަނޑު ރީއްޗަށް ދަމާލައިގެން ހުރެވެ އެވެ. މިއީ ބުރަކަށީގައި ރިއްސުމުން ދުރުވާނެ ކަމެކެވެ. އަދި ހަށިގަނޑުގައި ލޭ ދައުރުވާލެއް ހަލުވި ވާނެ އެވެ. ނަތީޖާއަކީ ހިތުގެ ތަފާތު ބަލިތައް ޖެހުން ދުރުވެ އާއްމު ސިއްހަތު ރަނގަޅު ވުމެވެ.

ކޮޅަށް ހުންނައިރު އެމީހާ ސީދާ އެއް ތަނެއްގައި މާގިނައިރު ކޮޅަށް ވަރަށް ނުހުންނާނެ އެވެ. ކޮންމެވެސް ކަހަލަ ހެލިފެލިވުމެއް ގެންގުޅޭނެ އެވެ. ނުވަތަ ހުންނާނީ އަބަދުވެސް ތަންތަނަށް ހިނގާލަހިނގާލަ އެވެ.

ކޮޅަށް ހުންނަން ޖެހޭނީ ކަނޑައެޅިގެން ވަކި ގަޑިއިރެއް ވަންދެން ކަމެއް ކަނޑަ ނޭޅުނަސް އިށީނދެގެން ހަ ގަޑިއިރު ނުވަތަ ހަތް ގަޑިއިރު ކޮންމެ ދުވަހަކު އިނުން ރަނގަޅެއް ނޫނެވެ.

ކޮޅަށް ހުރުމުން ހިތުގެ ހިނގުން މިނިޓަކަށް 10 ބީޓްގެ މަގުން އަވަސް ވެއެވެ. ނަތީޖާއެއްގެ ގޮތުން ކޮޅަށް ހުންނަ ކޮންމެ މިނިޓަކު 0.7 ކެލޮރީޒް ނުވަތަ ގަޑިއިރަކަށް 50 ކެލޮރީޒް އަނދާނެ އެވެ.

ޕްރޮފެސަރު ފެންޓަން ވިދާޅުވީ އޮފީހުގައި މަސައްކަތް ކުރާ މީހުން އިރުއިރުކޮޅުން ތެދުވެލާ ހިނގާލާ އަދި ކުރަން ޖެހޭ ބައެއް މަސައްކަތް ކޮޅަށް ހުރެގެން ކޮށްލާ، އެހެން ފްލޯތަކަށް ދާއިރު ނުވަތަ ގެއަށް ދާއިރު ލިފްޓުގެ ބަދަލުގައި ސިޑިން އަރާ ފޭބުން އެއީ އެ މީހާގެ ސިއްހަތަށް އެންމެ ރަނގަޅުވާނެ ގޮތް ކަމަށެވެ.

ސިޑިން އަރާއިރު ކޮންމެ ދުވަހަކު ވެސް ކެލޮރީޒް އަނދަ އެވެ. އަދި ދުވާލަކު އެތައް ފަހަރަކު މިގޮތަށް އަރާ ފައިބާނަމަ ވަރަށް ގިނަ ކެލޮރީޒް އަނދާނެ އެވެ.

ޕްރޮފެސަރު ފެންޓަން ވިދާޅުވީ އިންގްލެންޑްގެ ޕަބްލިކް ހެލްތުން އަންނަ އޮކްޓޯބަރު މަހު އާ ގައިޑްލައިނެއް ނެރޭނެ ކަމަށެވެ. ދިރިއުޅުމަށް ކުދިކުދި ބަދަލުތައް ގެނެސްގެން ބޮޑެތި މީހުންގެ ދިރިއުޅުން މިހާރަށް ވުރެ ހަރަކާތްތެރި ކުރުމަށް އެ ގައިޑްލައިންގައި ބާރު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އާއިލާއާ އެކު މާ ދުރަށް ނޫން ނަމަވެސް ހިނގާލަން ދިއުމަށް އާދަކުރުމާއި އެކުވެރިންނާއި އާއިލާގެ މީހުންނާ އެކު ދުވަން ދިއުން ފަދަ ކަސްރަތު ލިބޭ ކަމެއް ކޮންމެ މީހަކުވެސް ކުރަން ފެށުމަށް އިރުޝާދު ދިނުން ހިމެނެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑެތި މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކީ މިހާރު ފަލަބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ. އަދި ކުރިއަށް އޮތް 25 އަހަރު ތެރޭގައި މި އަދަދު ހަތަރު ގުނައަކަށް އިތުރުވާނެ ކަމަށް އެ ގައުމުން ލަފާ ކުރެ އެވެ.

މިހެން ދިމާވަނީ ގިނައިން ކެއުމަށް ވުރެ ބޮޑަށް، ހަރަކާތްތެރި ދިރިއުޅުމެއް ނޫޅޭތީ ކަމަށް ބައެއް ރިސާޗަރުން ވިދާޅުވެ އެވެ.

ޕަބްލިކް ހެލްތު އެޑްވައިޒަރެއްގެ ގޮތުގައި މީގެ ކުރިން އެމެރިކާ ސަރުކާރަށް މަސައްކަތް ކޮށްދެއްވާފައިވާ ޕްރޮފެސަރު ފެންޓަން ވިދާޅުވީ އޭނާގެ އިރުޝާދަކީ ކޮންމެ މީހަކު ވެސް ދުވާލަކު މަދުވެގެން އެއް ގަޑިއިރު ކޮޅަށް ހުންނަން އާދަކުރުން ކަމަށެވެ. އެއީ ހެނދުނު 30 މިނިޓް، ހަވީރު 30 މިނިޓެވެ. އަދި މިގޮތަށް ކޮޅަށް ހުންނަ ވަގުތު އިތުރު ކުރުމެވެ. އޭރުން ކޮފީ ބޯ ގަޑީގަ އާއި މެންދުރު ކާ ގަޑީގައި ވެސް ކޮޅަށް ހުންނަން އާދަ ކުރެވިދާނެ އެވެ.

ހާވަޑް ރިސާޗަރުން 2012 ވަނަ އަހަރު ހެދި ދިރާސާއެއްގެ ރިޕޯޓެއްގައިވާ ގޮތުން އިށީނދެގެން ގިނަ ވަގުތު އިނުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދުންފަތުގެ އިސްތިއުމާލު ކޮށްގެން މަރުވާ މީހުންނަށް ވުރެ ގިނަ އެވެ.

ލާންސެންޓް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާގެ ހިސާބުތަކުން ދައްކާ ގޮތުގައި ހިތުގެ ބަލިތަކާއި، ކެންސަރު އަދި ހަކުރު ބަލީގައި އަހަރަކު މަރުވި 5.3 މިލިއަން މީހުންނަކީ ކަސްރަތާއި ހަރަކާތްތެރި ދިރިއުޅުން ހިޔާރު ކުރިނަމަ މަރުން ސަލާމަތް ކުރެވިދާނެ މީހުންނެވެ. ދުންފަތުގެ އިސްތިއުމާލު ކޮށްގެން އަހަރަކު މަރުވީ ފަސް މިލިއަން މީހުންނެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަންގެ ސީނިއާ ކާޑިއެކް ނާސް އޭމީ ތޮމްސަން ބުނި ގޮތުގައި އިންސާނާގެ ހިތަކީ ހަށިގަނޑުގައިވާ އެންމެ މުހިއްމު މަސްކޮޅެވެ. ހިތް ރަނގަޅަށް ޕަމްޕްކުރަން ކޮންމެ ކަހަލަ އުކުޅެއް ވެސް ބޭނުންކުރެވިދާނެ އެވެ. އެއީ ކޮންމެ ދުވަހަކު ހިނގައިގެން ނުވަތަ ލިފްޓްގެ ބަދަލުގައި ސިޑިން އަރައިގެން ކަމަށް ވިޔަސް ހިތް ރަނގަޅަށް ޕަމްޕްކޮށްލެވޭނެ ގޮތެއް ހޯދުމުން އޭގެ ތަފާތު އިންސާނާގެ ހަށިގަނޑުން ފެނިގެން ދާނެ އެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *