ރޮނާލްޑޯ ގެންނަން ޗެލްސީން މަސައްކަތްކުރަނީ

ލަންޑަން (ސެޕްޓެމްބަރު 11) – ރެއާލް މެޑްރިޑުގެ ޕޯޗުގީޒް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ އަހަރު ގަތުމަށް، ޗެލްސީން މަސައްކަތް ފަށާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެކަމަކު ޗެލްސީ އަށް އޮތީ ފަސޭހަ މަގެއް ނޫނެވެ. ރޮނާލްޑޯގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ވެސް އޮތީ ރޮނާލްޑޯ ގެންނަން ފައި ވިއްދައިފަ އެވެ.

ޗެލްސީ އަށް އޮތް އެޑްވާންޓޭޖަކީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. މޮރީނިއޯ ރެއާލަށް ކޯޗުކޮށްދިން ދުވަސްވަރު ރޮނާލްޑޯއާ ގާތް ގުޅުމެއް އޮތްއިރު، މޮރީނިއޯ އަށް ރޮނާލްޑޯ ޗެލްސީ އަށް ގެންނަން އެއްބަސްކުރެވިދާނެ ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ.

އެކަމަކު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވާ ނަމަ، ރޮނާލްޑޯ ޔުނައިޓެޑް ނޫން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ކުޑަ އެވެ. ރޮނާލްޑޯ ވަނީ މެންޗެސްޓާ ދެކެ ލޯބިވާ ކަމަށާއި އަލުން އެ ކްލަބަށް ދިއުމަށް އުއްމީދުކުރާ ކަމަށް ބުނެފަ އެވެ. އަނެއްކޮޅުން ރޮނާލްޑޯ އެދޭ ވަރުގެ ބޮޑު މުސާރައެއް ދޭން ޔުނައިޓެޑް އޮތީ ތައްޔާރަށެވެ.

މި ދެ ކްލަބުން، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި ހުރި ރޮނާލްޑޯ ގެންނަން ބޭނުންވިޔަސް، އޭނާ ވިއްކާލަން ރެއާލުން ބޭނުމެއް ނުވެ އެވެ. ރޮނާލްޑޯ މީގެ އެއް އަހަރު ކުރިން ވެސް ރެއާލް ދޫކޮށްލަން މަސައްކަތްކުރި އެވެ. ނަމަވެސް ރެއާލުން ދިން ފައިސާގެ ބޮޑު ޕެކޭޖާ އެކު ރޮނާލްޑޯ މަޑުކުރީ އެވެ. އެކަމަކު ރެއާލުގެ ބައެއް އުސޫލުތަކާ މެދު ރޮނާލްޑޯ ހިތްހަމަނުޖެހޭތީ އަދި ކެރިއަރުގެ ފަހުކޮޅަށް އެޅިފައިވާތީ އާ ތަޖުރިބާއެއް ކުރަން ނުވަތަ ކުރީގެ ކްލަބަށް އެނބުރި ދިއުމަށްޓަކައި ރޮނާލްޑޯ މި ސީޒަނަށް ފަހު ރެއާލް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.

ރޮނާލްޑޯ ކްލަބް ދޫކޮށްލާ ނަމަ، ރެއާލުން އޭނާ ނެތްތަން ފޫބައްދަން ގެންނާނީ ޗެލްސީގެ ބެލްޖިއަމް ވިންގާ އެޑިން ހަޒާޑް ނުވަތަ ބޮރޫޝިއާ ޑޯޓްމަންޑުގެ މާކޯ ރޮއުސް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

 

=ހަވީރު އޮންލައިން=

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *