ނައުލައްވި ފުށި

ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްރަށުގެ ނަމުގެ ފަހަތައް ‘ފުށި’ މި ދެ އަކުރަނީ ރަށްޓެހި ދެ އަކުރެވެ. އަޅުގަނޑުމެންގެ މި ކުޑަ ކުޑަ އަތޮޅު މީމު އަތޮޅަށް ބަލާ ލިޔަސް ގިނަ ރަށްތަކެއްގެ ނަމުގެ ފަހަތުގަ ‘ފުށި’ މި ލަފުޒު އެބައޮތެވެ. މި ރަށުގެ އިތުރުން ކޮޅުފުށި އަދި މީގެ ކުރިން އާބާދުވެފައިވާ މަޑިފުށި އަދި ރިސޯޓް ރަށެއް ކަމަށް ވާ މެދުފުށި ވެސް އެބައޮތެވެ. މިގޮތުން ރާއްޖޭގެ ގިނަ ރަށްރަށަށް ނަން ދެވިފައިވަނީ ކުރީޒަމާނުގައި ހިނގާފައިވާ ކޮންމެވެސް ހާދިސާ އަކާއި ގުޅޭ ގޮތުންނެވެ. މި ކަހަލަ ހާދިސާ ތަކަކީ ގިނަ ދުވަސްތަކެއް ވެފައިވާ ހާދިސާ ތަކަކަށް ވުމުން މިފަދަ ވާހަކަތައް ގިނަބައެއްގެ ތުން ތުން މަތިން އިވި ވާހަކަ ތައް ކޮންމެވެސް ވަރަކަށް ބަދަލު ވެފައިވެސް އެބަހުއްޓެވެ. މިގޮތުން އަޅުގަނޑު މި ބަލާލަނީ މީމު އަތޮޅުގެ ވެރިކަންކުރާ ރަށް މުއްޔާއި އެއްފަޅެއްގެ ތެރޭގައި އޮންނަ ނާލާފުއްޓަށް މިނަން ދެވުނީ ކިހިނެއް ކޮންގޮތަކަށް ކަމާމެދުގައެވެ.

އަޅުގަނޑުމެން ކުޑަ އިރުއްސުރެ އަޑުއަހަމުން ދަނީ މިރަށަކީ ކޮންމެވެސް ޒަމާނެއްގައި ‘ނަވެއް’ ލައްވި ރަށެކެވެ. މި ނައު ލައްވި ފަހުން މިރަށަށް ނައުލައްވިފުށި މި ނަމާ ގުޅުވައިގެން ނާލާފުށި މިނަން ދެވިފައިވާ ވާހަކައެވެ. މި ވާހަކައަކީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ކަމެއް ބުނެދެވޭނެ ވަރުގެ މީހަކު މިހާރު މިރަށަކުނެތެވެ. އަދި މި ނައު ލައްވީ މިރަށުގައި މީހުން ދިރިއުޅެން ފެށި ފަހުންކަމެއް ނުވަތަ ނައުން ފޭބި މީހުން މިރަށުގައި ދިރިއުޅެންފެށި ކަމެއްވެސް އެނގޭކަށްނެތެވެ. ނަމަވެސް މި ރަށުގައި ‘ނާލާ ފަންނު’ ނުވަތަ ‘ނައު ލައްވި ފަންނު’ ކިޔާ ސަރަހައްދެއް ރަށުގެ އުތުރު ކޮޅުގައި ކުރިން އޮތެވެ. މި ތަނަކީ މި ރަށުގެ އިރުމަތި ފަރާތު ފުއްޓަރަށް ލައްވިއޭ މިކިޔާ ނައުގެ ބައެއް ބައިތައް ލައްވި ސަރަޙައްދޭ ކިޔާއުޅޭ ހިސާބެވެ. މި ސަރަހައްދު މިހާރުވަނީ ރަށުގެ ބޯޅަ ދަނޑު 2009 ވަނަ އަހަރު ބޮޑުކުރި އިރު ދަނޑުގެ ތެރެއަށް ގޮސްފައެވެ. އެހެންކަމުން މިހާރު މިސަރަޙައްދުވެސް ފެންނާކަށްނެތެވެ. ކޮންމެއަކަސް މިހާރު ރަށުގައި ތިބި ދުވަސްވީ މީހުންނަށް މި ހާދިސާއަކީ ކިހާވަރެއްގެ ތެދު ވާހަކައެއްކަން ސީދާ ބުނެދޭކަން ނޭގެއެވެ. މި ކަމާގުޅޭ ގޮތުން އެކި ޒަމާނުގައި އެކި ގޮތަށް ވާހަކަ ދެކެވިފައިވެސް ހުރެދާނެއެވެ. ނަމަވެސް އަޅުގަނޑުމެން އެއްވެސް އިރެއްގައި އަޑު އަހާފައި ނުވާ ކަމަކީ މިކަން ހިނގި ތާރީހެއް އެއްވެސް ބޭފުޅަކަށް ލަފާކޮށްލާފައިވެސް ބުނެދެން ނޭގޭކަމެވެ. އެހެންކަމުން އަޅުގަނޑުމެން މިކަމުގެ ހަގީގަތް ހޯދަން މީގެ ކުރިން މާގިނަ މަސައްކަތްތަކެއްވެސް ކޮށްފައެއް ނުވާނެއެވެ.

vlcsnap-2015-04-11-20h08m35s185

ނަމަވެސް ދާދިފަހުން އަވަށްޓެރި މުލީގެ މެދު އުމުރުގެ މީހަކު އެއްދުވަހެއްގަ ރަށުގެ ތާރީޙާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބުނީ މިހާރުވެސް ތިޔަރަށުގެ ދެކުނު ކޮޅާ ދިމާއިން ފުއްޓަރު ބޭރުގައި ލައްވިއޭ އެކިޔާ ނައުގެ ނަގިލި އޮންނާނެ ކަމަށެވެ. އެ ނަގިލި ސީދާ ތިމަންނަ އަށްވެސް ފެނިފައިވާ ކަމަށެވެ. އޭނާ މިހެން ބުނުމުން އަޅުގަނޑުމެން މި ވާހަކައަކީ ކިހާވަރެއްގެ ހަގީގަތެއްތޯ ބެލުމަށް އެސަރަޙައްދަށް ދިޔައީ 04 އޭޕްރީލް ވީ ހޮނިހިރު ދުވަހު ހެނދުނުގައެވެ. ރަށުން ނައްޓާލއިގެން ހިނގާފައި އެހިސާބަށް ދާން ގާތްގަޑަކަށް 15 ވަރަކަށް މިނެޓް ނެގިއެވެ. ފުރަތަމަވެސް ގޮސް ފުއްޓަރު ރާޅު ބިންދާ ހިސާބައްވުރެ ބޭރަށް އެރި އެ ހިސާބުން ނަގިއްޔެއް ފެނޭތޯ ބަލަންފެށިމެވެ. ކުޑަ އިރުކޮޅެއް ތެރޭގައި އެބުނާ ނަގިލި ފެނުނެވެ. އަދި ރަނގަޅަށް އެ ނަގިއްޔާ ހިސާބަށް ގޮސް ބަލާލުމުން އެނގުނީ އެއީ އެންމެ ނަގިއްޔެއްވެސް ނޫންކަމެވެ. އެއް ނަގިލި މައްޗަށް ވާ ގޮތައް އިތުރު ނަގިއްޔެއްވެސް އޮތެވެ. އެހިސާބުން އަޅުގަނޑުމެން ވިސްނީ އެސަރަޙައްދުން އިތުރު އެހެންތަކެތިވެސް ފެނިދާނެ ކަމަށެވެ. އެގޮތުން އަނެއްކާވެސް އެ ސަރަހައް އިތުރަށް ހޯދަން ފެށީއެވެ. މާގިނަ އިރުތަކެއް ނުވަނީ ގާތްގަނޑަކަށް 15 ވަރަކަށް ފޫޓް ދުރުން އިތުރު އެހެން ނަގިއްޔެއް ފެނުނެވެ. މި ނަގިލި އެހެން ނަގިލިތަކާ އަޅާބަލާއިރު ތަންކޮޅެއް ބޮޑެވެ. ގާތްގަނޑަކަށް 10 ވަރަކަށް ފޫޓް މިނަގިލީގައި ހުންނާނެކަމަށް  ބެލެވެއެވެ. އަދި އެ ސަރަޙައްދު ބޭރުން ކޮންމެ ވެސް ވަރަކަށް ގައު ތައް ހަލާކުވެފައިވާ މަންޒަރުވެސް ފެންނަށްހުއްޓެވެ. އެހެންކަމުން ކޮންމެވެސް ޒަމާނެއްގައި އެ ސަރަޙައްދަށް އެއްޗެސް ލައްވެފައިވާކަން ފެންނަށް އެބަ ހުއްޓެވެ. އެދުވަހު ކެމެރާއެއް ނުގެންދެވުމުން އަޅުގަނޑުމެން ނިންމީ ޖެހިގެން އަންނަ ހޮނިހިރު ދުވަހު ރަނގަޅު ކެމެރާއެއް ހިފައިގެން އަނެއްކާވެސް އެ ސަރަޙައްދަށް ދިއުމަށެވެ. އެ ގޮތުން 11 އޭޕްރީލް ވީ ހޮނިހިރު ދުވަހު މިއަދު އަނެއްކާވެސް އެސަރަހައްދު އިތުރަށް ބެލުމަށާއި ފޮޓޯ ނެގުމަށް ދިޔައީމެވެ. މިއަދުވެސް އިތުރު އެހެން އެއްޗެއްވަނީ އެސަރަޙައްދުން ފެނިފައެވެ. އެގޮތުން އިހުޒަމާނުގައި ނައު ފަހަރުގައި ހަނގުރާމައަށް ބޭނުންކުރި ވައްތަރެއްގެ ބަނޑިއެއް ފެނުނެވެ.11079152_465835426902485_1408059350_n

މިފެނުނު ހުރިހާ ތަކެއްޗަށް ބަލައި އަޅުގަނޑުމެންނަށް ޔަގީން ކަމާއެކު ބުނަންއެނގެނީ ކޮންމެވެސް ޒަމާނެއްގައި ކޮންމެވެސް ކަހަލަ ބޯޓެއް ނުވަތަ ނަވެއް މިސަރަޙައްދަށް ލައްވެފައި ވާކަމެވެ. އެހެންނަމަވެސް އަދިވެސް އެނގިފައިނުވާ ކަމަކީ މި ހާދިސާ  އެއް ހިނގީ ކޮން ޒަމާނެއްގައި ކަމެވެ. ނަމަވެސް އަދިވެސް އަޅުގަނޑުމެން މި ކަން އިތުރަށް ދިރާސާ ކުރުން ހުއްޓައެއް ނުލާނަމެވެ.vlcsnap-2015-04-11-20h11m11s114 vlcsnap-2015-04-11-20h10m02s89

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

5 ކޮމެންޓްސް

  1. 1
  2. 2
  3. 3
  4. 5

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *